އިޒްރޭލުން ހުޅަނގު އައްސޭރި ހިފިޔަކަނުދޭނަން: ޓްރަމްޕު
އިޒްރޭލުން ހުޅަނގު އައްސޭރި ހިފިޔަކަނުދޭނަން: ޓްރަމްޕު

ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުރަސްއެޅުމުގެ ގޮތުން ހުޅަނގު އައްސޭރި ހިފަން އިޒްރޭލު ކެބިނެޓްގެ ހަރުކަށި މެންބަރުން ގޮވާލަމުން ދިޔަ ނަމަވެސް އެކަން އެހެން ކުރިޔަ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.

"ހުޅަނގު އައްސޭރި ހިފަން އަޅުގަނޑު ފުރުސަތެއް ނުދޭނަން،" އޯވަލް އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވިދާޅުވި އެވެ. "ނޫން. އަޅުގަނޑު އެ ފުރުސަތެއް ނުދޭނަން. އެކަމެއް ނުވާނެ."

ޓްރަމްޕު މިހެން ވިދާޅުވީ އިޒްރޭލުން ހުޅަނގު އައްސޭރި ހިފާނެ ކަމަށް ބުނެ ދެމުންދާ އިންޒާރާ ގުޅިގެން އެކަން ހުއްޓުވަން އަރަބި އަދި އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރިން އެދިވަޑައިގެންފައި ވޭތޯ ސުވާލުކުރުމުންނެވެ.

ޓްރަމްޕު ވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ބައެއް ލީޑަރުންނާ އެކު ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި އޭނާގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ގެންދަނީ، ހުޅަނގުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން ދާތީ އެކަމުގެ ރައްދުގައި ހުޅަނގު އައްސޭރި ހިފަން ގޮވާލަމުންނެވެ.

އެކަން އެހެން ނުކުރަން ނަތަންޔާހޫއަށް އެއްވެސް އިންޒާރެއް ދީފައިވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ "އާދެ! އެކަން އެހެން ވާން ދުލެއް ނުކުރާނަން" ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އޭނާއާ ވާހަކަ ދެއްކިޔަސް އަދި ނުދެއްކިޔަސް -- ވާހަކަ ދެއްކިން، އެކަމަކު ހުޅަނގު އައްސޭރި ހިފިޔަކަނުދޭނަން. މިހާރު ވާވަރު ވެއްޖެ. އެކަން ހުއްޓަންވެއްޖެ."

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިނުމުން ރައްދުގައި ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް ގެނެވޭނެ ސުލްހައިގެ އެއްބަސްވުމެއްގެ އުންމީދު ވެސް ބޮޑުވެފައިވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަތަންޔާހޫއާ އަދި އަރަބި ލީޑަރުންނާ ވެސް އިއްޔެ ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއްބަސްވުމަކާ ގާތަށް ދެވިފައިވާ ކަމަށެވެ. -- އޭއެފްޕީ