27 މާޗް 2017 - 11:47

މަޖިލީހުގައި މިއަދު ނަގަން ނިންމާފައިވާ މުހިންމު ވޯޓުގެ ކުރިން، މަޖިލީހުގެ ވޯޓިން ސިސްޓަމަށް މައްސަލަތައް ދިމާވި ކަމަށް ބުނެ އަޑުތައް އަރާފައިވާތީ އެކަމާ ކުރީގެ ދެ ރައީސުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މަޖިލީހުގައި މިހާރު ވޯޓު ނަގަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަކުން ކަމަށް ވާތީ އެ ނޫން ގޮތަކަށް ވޯޓެއް ނުނެގޭނެ އެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދު ކުރެއްވި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޖިލީހުގެ ސިސްޓަމްގައި މައްސަލައެއް އުޅޭނަމަ ވޯޓު ނަގަންވާނީ ސިސްޓަމް ރަނގަޅު ކުރުމަށް ފަހު" ކަމަށެވެ.
ވޯޓިން ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ، ޕީޕީއެމާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މިހާރު ވަނީ ޒުވާބު އުފެދިފަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން އޮންނާނީ މިއަދު 1:30 ގަ އެވެ. ޕީީއެމުން ވަނީ، ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ، ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުން އެގޮތް ގަބޫލެއް ނުކުރެ އެވެ.