ކިތަންމެ ދުވަހަކު ކެކުޅުމުގައި އުޅެންޖެހުނަސް ފަލަސްތީނުގެ ރޫހު ދެމިއޮންނާނެ: އައްބާސް
ކިތަންމެ ދުވަހަކު ކެކުޅުމުގައި އުޅެންޖެހުނަސް ފަލަސްތީނުގެ ރޫހު ދެމިއޮންނާނެ: އައްބާސް

ފަލަސްތީނު ރައްޔިތުން ތަހަންމަލްކުރަމުންދާ ކެކުޅުމުގައި ކިތަންމެ ދުވަހަކު އުޅެން ޖެހުނު ކަމުގައި ވިޔަސް މިނިވަންކަމުގެ ރޫހު ނައްތާނުލެވޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއިން ވިސާ ނުދިނުމުން ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އައްބާސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރަނީ ހަމައެކަނި ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލައި މުޅި ޖީލު ނެތިކޮށްލުމުގެ ގަތުލުއާންމެއް ކަމަށެވެ.

އައްބާސް ވިދާޅުވީ އޮކްޓޫބަރު 7، 2023 އިން ފެށިގެން މި ހިސާބަށް އިޒްރޭލުން ޝަހީދުކޮށް އަދި ޒަހަމްކުރި ފަލަސްތީނު ރައްޔިތުންގެ އަދަދު 220،00 އަށް ވުރެ ގިނަ ކަމަށެވެ. ޣައްޒާގެ 80 ޕަސެންޓަށްވުރެ ގިނަ ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ފައްޅިތަކާއި މިސްކިތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ ސުންނާފަތިކޮށްފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"އިޒްރޭލުން ހަމައެކަނި އަނިޔާވެރިވަނީއެއް ނޫން. މިއީ 20 ވަނަ ގަރުނާއި 21 ވަނަ ގަރުނުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި އެންމެ ބިރުވެރި އެއް ހަނގުރާމައިގެ ޖަރީމާ،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އިޒްރޭލަށް ބިން އިތުރު ކުރުމަށް "ގްރޭޓާ އިޒްރޭލް" ސްޓްރެޓެޖީގެ ދަށުން ހުޅަނގު އައްސޭރި ބައިކޮށް، ގުދުސް އެކަހެރިކޮށް، ދެ ދައުލަތް ގާއިމް ކުރުމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން އަމަލުކުރަމުންދާ ކަމަށެވެ.

އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާ ކުށްވެރިކުރައްވަމުން އައްބާސް ވިދާޅުވީ އެއީ އިޒްރޭލުގެ އާންމުންނަށް ދިން ހަމަލާއެއް ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދުގެ ރޫހު ތަމްސީލުވާ އަމަލެއް ނޫން ކަމަށެވެ. ޣައްޒާ އަކީ ފަލަސްތީނުގެ ދައުލަތުގެ ބައެއް ކަމަށާއި އެހެންވެ ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތުގައި ޣައްޒާގައި ފަލަސްތީނުގެ ބާރު އޮންނާނެ ގޮތަށް މަސައްކަތް ފަށަން ތައްޔާރު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"ބޭނުމީ ހަތިޔާރުއެޅި ދައުލަތެއް ނޫން" ކަމަށާއި ޒަމާނީ، ޑިމޮކްރެޓިކް އަދި ގާނޫނުގެ ވެރިކަން އޮންނަ އިންސާނީ ހައްގުތަކަށް ކަމޭހިތާ، އަންހެނުންނާއި ޒުވާނުންގެ ހައްގުތައް ލިބިދޭ ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުއަށް މެސެޖެއްގެ ގޮތުގައި އައްބާސް ވަނީ ފަލަސްތީނުގެ ހައްގުތައް ކަށަވަރުކުރުމާ ބެހޭ ގޮތުން 1،000 އަށް ވުރެ ގިނަ ގަރާރު އދ. އިން ފާސްކޮށް ތަންފީޒު ނުކުރެވި އޮތްކަން ހަނދާންކޮށްދީފަ އެވެ. އިޒްރޭލަކީ ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަނެ 1993 ވަނަ އަހަރު ސޮއިކުރި އޮސްލޯ މުއާހަދާއަށް ފަހު ވެސް އިޒްރޭލުން އެއްވެސް ނިންމުމަކަށް ތަބާނުވާ ކަމަށާއި އެކަމަކު ފަލަސްތީނުން އެ ކަންކަމަށް ފުރިހަމައަށް ބޯލަނބާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ފްރާންސާއި ސައޫދީ އަރަބިއްޔާ އިސްނަގައިގެން ބޭއްވި ސަމިޓަށް ޝުކުރު އަދާކުރައްވަމުން އައްބާސް ވިދާޅުވީ އިންސާފު ގާއިމުނުކުރެވި ސުލްހަ ގާއިމުނުވާނެ ކަމަށެވެ. އަދި ފަލަސްތީނު މިނިވަންނުވެ އިންސާފު ގާއިމުނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިނިވަންކަމަށް އަލިވިލޭނެ. މި ނުގުޑާ އަޒުމާއި ޝަރަފުގެ ނިޝާނެއްގެ ގޮތުގައި ފަލަސްތީނުގެ ދިދަ އުފުލާލައި ވައިގެ ތެރޭގައި ވިހުރޭނެ،" އައްބާސް ވިދާޅުވި އެވެ.