26 ސެޕްޓެމްބަރ 2025 - 08:37

ސްޓްރޯކެއް ޖެހިގެން ރޭ ނިޔާވި ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފްގެ ކަށުނަމާދު، މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން އިއުލާން ކޮށްފި އެވެ.
އެއަށް ފަހު އޭނާ ވަޅުލުން އޮންނާނީ އާ ސަހަރާގަ އެވެ. އޭނާގެ މޫނު ދެއްކުން ކުރިއަށް ގެންދާނީ މިއަދުގެ 10:30 ވަން ދެން އާ ސަހަރާގަ އެވެ.
އިފްރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ ފަރުވާން ދޭން ފެށި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިފުރާ އަށް ޖެހުނީ ހެމޮރެޖިކް ސްޓްރޯކެކެވެ. އޭގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. އެ ލޭތައް ނެގުމަށް ހޯމަ ދުވަހު ހަވީރު އޮޕަރޭޝަނެއް ވެސް ކުރި އެވެ.
އެކަމަކު އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާ އެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާގަ އެވެ.
ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، މާޒިޔާގައި ވިދާލި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކުރި އެވެ. މީގެ ތެރެއިން އޮލިމްޕިކް ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
އިފުރާ ސީނިއާ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ.
އިފުރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.