ރަށްރަށުގައި ގެދޮރުއަޅަން އިތުރު ރަހުނަކާ ނުލައި ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ
ރަށްރަށުގައި ގެދޮރުއަޅަން އިތުރު ރަހުނަކާ ނުލައި ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ބީއެމްއެލް އިން ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަން ނިންމައިފި އެވެ.

އެ ގޮތަށް ނިންމުމުން އެ އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ތަނެއް ރަހުނު ކުރާކަށް ދެން ނުޖެހޭނެ އެވެ.

ބީއެމްއެލްގެ ބޯޑުން އެ ގޮތަށް ނިންމާފައިވާ އިރު އެއީ އިތުރު ރަހުނަކާ ނުލައި ނެގޭ ލޯނެކެވެ. ކުރިން ރަހުނަކާ ނުލައި ރަށްރަށުގެ ގެދޮރު އިމާރާތް ކުރުމަށް ދެނީ އެއް މިލިއަންގެ ލޯނުތަކެވެ. އަދި އޭރު ވެސް ސިޓީތަކަށް ތިން މިލިއަނާ ހަމައަށް ބީއެމްއެލް އިން އައީ ދެމުންނެވެ.

ބީއެމްއެލް އިން ބުނީ، ހުރިހާ ރަށަކަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަނާ ހަމައަށް ލޯނު ދޭން ނިންމީ، ރަށްރަށުގައި އިމާރާތް ކުރުމަށް ބޮޑު ހަރަދެއް ދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ފަސް ޕަސެންޓުގެ އިންޓްރެސްޓްގައި ދޫކުރާ އެ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

އެ ލޯނުގެ އިތުރުން މިދިޔަ އަހަރު އެ ބޭންކުން ވަނީ ހޯމް އިކުއިޓީގެ ނަމުގައި ވެސް ލޯނެއް ތައާރަފްކޮށްފަ އެވެ. އެ ލޯނު ދޫކުރަނީ ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށެވެ.

ހޯމް އިކުއިޓީ ލޯނު ދޫކުރަނީ 50،000ރ. އަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ މީހުންނަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެ ލޯނު ދޫކުރާނީ 10 ޕަސެންޓުގެ ރޭޓުގަ އެވެ.