ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓް ގުރައިދޫގައި އަޅަން އެމްއޭސީއެލްއާ އެކު ސޮއިކޮށްފި
ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓް ގުރައިދޫގައި އަޅަން އެމްއޭސީއެލްއާ އެކު ސޮއިކޮށްފި

ތ. އަތޮޅުގެ ތިން ވަނަ އެއާޕޯޓް ގުރައިދޫގައި އަޅަން އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި އެ މަޝްރޫއުގައި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތް 22 މަސް ތެރޭގައި ނިމޭނެ އެވެ. އަދި 2027 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގައި އެއާޕޯޓް ހުޅުވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ގުރައިދޫގެ އެއާޕޯޓުގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ވެސް މާދަމާ ސޮއިކުރާނެ އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ތައުފީގު އަލީ ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެ ހުވަފެން ރައީސް މުއިއްޒު ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. އަތޮޅުގައި މިހާރު އެއާޕޯޓު އޮންނަނީ އެ އަތޮޅު ތިމަރަފުށީގަ އެވެ. އެ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގަ އެވެ.

އެމްޓީސީސީން ތަރައްގީ ކުރި ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. މި މަސައްކަތް ހަވާލުކުރީ 32 މިލިއަން ރުފިޔާ އަށެވެ.

ތ. އަތޮޅުގެ ދެ ވަނަ އެއާޕޯޓް އަޅަނީ ވިލުފުށީގަ އެވެ. އެ ރަށުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިިއްޔެ ވަނީ ފަށައިފަ އެވެ.

ރައީސްގެ ދަތުރުގައި ތ. އަތޮޅުގެ ރަށްތަކަށް އާ ގިނަ މަޝްރޫއުތަކެއްގެ ވައުދާ އެކު ބައެއް ކަންކަމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައި ދެއްވައިފަ އެވެ.