25 ސެޕްޓެމްބަރ 2025 - 22:16

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ފުށުއަރާ ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކު މިއަދު ގޮވާލައްވައިފި އެވެ.
އެ ޖަމާއަތުގެ ޗީފާ ހަވާލާދީ ތަރުޖަމާނު ރަވީނާ ޝަމްދަސަނި ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރާ ގާނޫނުގައި، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ފުށުއަރާ އުސޫލުތަކެއް އެބަހުރި ކަމަށެވެ.
އދ. އިން ކަންބޮޑުވާ އުސޫލުތަކުގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކުގެ ކޮންޓެންޓަށް ބާރުފޯރުވުމާއި މީޑިއާގެ މަސައްކަތްތައް ތަހުގީގުކުރުމާއި މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖޫރިމަނާ ކުރުން އަދި މީޑިއާތަކުގެ ލައިސަންސާއި ހުއްދަ ބާތިލުކުރުމުގެ ބާރު، މީޑިއާ ކޮމިޝަނަށް ލިބުން ހިމެނެ އެވެ.
ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން މީޑިއާ ބިލް ފާސްކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބިލް މިދިޔަ ބުރާސްފަތިދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅުއްވި ބިލް ފާސްކޮށްފައި ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ އިސްލާހުތަކާ އެކުގަ އެވެ. ބިލް ފާސްކުރިއިރު، ވަކި ވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތުން ފަދަ ކަންބޮޑުވުން ހުރި މާއްދާތައް ވަނީ އުނިކޮށްފަ އެވެ.
ވޮލްކާ ވިދާޅުވީ އާ ގާނޫނު ފާސްކުރީ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ޗެކް އެންޑް ބެލެންސް ނިޒާމު ފާއިތުވި އެއް އަހަރު ދަށްވެފައިވަނިކޮށް ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް، މިނިވަން އަދި ތަފާތު މީޑިއާއަކީ ކޮންމެހެން ބޭނުންތެރި އަދި ޑިމޮކްރެޓިކް މުޖުތަމައެއްގެ އަސާސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަމާއަތުން ބުނީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް މީޑިއާ ގާނޫނެއް އެކުލަވާލުމަށް އެހީތެރިކަން ދޭނެ ކަމަށެވެ.
މީޑިއާ ރެގިއުލޭޓްކުރާ ގާނޫނާ މެދު ޔޫރަޕް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން އޮސްޓްރޭލިއާ އަދި އެމެރިކާއިން ވެސް ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަން ދެމެހެއްޓުމަށް ގޮވާލައިފަ އެވެ.