25 ސެޕްޓެމްބަރ 2025 - 20:49

ސަރުކާރުން ކަނޑުމަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ބަދަލުކުރާނެކަން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މަހުގެ އުފެއްދުންތަކާއި ސީފުޑް އެކްސްޕޯޓްކުރާ އަމިއްލަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މަސް ކުންފުނި މިިފްކޯއިން މަސް ގަންނަ އަގު 20.ރ އަށް ބޮޑުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކަންބޮޑުވުން އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ މަސް ގަންނަ އަގެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ އަގަކީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓްކުރެވޭ ވަރަށް ވުރެ ބޮޑު އަގެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިނާއަތުގެ އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެ ފެކްޓްރީތައް ބަންދުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"...ވަގުތީ ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި މިގޮތަށް މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރުމަކީ މި ސިނާއަތަށް މީގެ ކުރިން ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުން. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން، މިސިނާއަތުގައި ހަރަކާތްތެރިވާ [އަމިއްލަ]ކުންފުނިތަކަށާއި މިފްކޯއަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭކަން ފާހަގަކުރަން،" ބަޔާނުގައި އެމްއެސްޕީއީއޭ އިން ބުންޏެވެ.
ބޮޑެތި އިންވެސްޓްކޮށްގެން އަމިއްލަ ކުންފުނިތަކުން ހިންގަމުން އައި ކޭނަރީތައް އެ ފަހަރު ބަންދުކުރަން ޖެހުނު އިރު އެތަންތަން އަދިވެސް އަލުން އޮޕަރޭޓްކުރަން ނުފެށި ހުރީ މަސްގަންނަ އަގު ބޮޑުކުރުމުން ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ހަދައިފި ނަމަ ސިނާއަތަށް ލިބޭނެ ގެއްލުންތައް ކަމަށް ދެކޭ ހަ ކަމެއް އެމްއެސްޕީއީއޭގެ ބަޔާނުގައި ހިމަނާފައި ވެ އެވެ.
އެގޮތުން ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ ރާއްޖޭން މަސް އެކްސްޕޯޓްކުރާ މިންވަރު މަދުވުމެވެ. ދެވަނަ ކަމަކީ އެ ޖަމިއްޔާއިން ބުނި ގޮތުގައި ރާއްޖެއަށް ލިބޭ ޑޮލަރުގެ އަދަދު މަދުވުމެވެ. މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި އެ ސިނާއަތަށް ފައިނޭންސްކުރަން ބޭންކްތަކުން ފަސްޖެހުމަކީ ވެސް ބައިނަލް އަގުވާމީ ބާޒާރަށް ނުބަލައި މަހުގެ އަގު ކަނޑައެޅުމުން ވާނެ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް ކަންތައް ވުމުން ބައިނަލް އަގުވާމީ ބާޒާރުގައި ރާއްޖެއަށް އޮތް ހިއްސާ ކުޑަވެ، އެ ފުރުސަތު އެހެން ގައުމުތަކުން ބޭނުންކުރާނެ ކަަމަށް ވެސް އެ ޖަމިއްޔާއިން ދެކެ އެވެ.
ބަޔާނުގައި އެމްޕީއެސްއީއޭ އިން ސަރުކާރަށް ގޮވާލީ އެ ކަންބޮޑުވުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައި ދިނުމަށެވެ.
މަސް ކިލޯއެއް ގަންނަ އަގު 20.ރ އަށް ބަދަލުކުރުމަކީ ވައުދެއް ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ހޯމަދުވަހު، އެ އަތޮޅު ދިއްގަރު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ކުއްލިއަކަށް ގެންނަވާނެ ބަދަލެއް ނޫން ކަމަށާއި އެ ބަދަލު ގެންނަވާނީ ދެމެހެެއްޓެނިވި ގޮތެއްގައި ކަމަށެވެ. އެކަމަށް މިފްކޯއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.