25 ސެޕްޓެމްބަރ 2025 - 18:47

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ފްރީކިކަކުން ޖެހި ހިތްގައިމު ގޯލުން ވިކްޓަރީން 1-0 ން ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗަށް ވިކްޓަރީ އާއި ގްރީން ވެސް ނުކުތީ ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވުމުގެ ހިތްދަތި ކަމާ އެކު އެވެ. ވިކްޓަރީގެ ފުރަތަމަ މެޗުގައި ބުރު އަތުން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގްރީންގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން ބަލިވީ 2-1 ންނެވެ.
މިއަދުގެ މެޗުވީ ދެ ޓީމަށް ވެސް ގޯލް ފޫއަޅުވާލަން އުނދަގޫ މެޗަކަށެވެ. ފުރަތަމަ މެޗަށް ވިކްޓަރީގައި ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނެތެވެ.
މި މެޗާ އެ ޓީމުން ކުރިމަތިލީ ބިދޭސީ ދެ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ. އުޒުބެކިސްތާނުގެ ޖަވޯހިރް އަޒްމޯވް އާއި މިސްރުގެ މިޑްފީލްޑަރު މުހައްމަދު އަބްދުލް ފައްތާހް ވަނީ ކުޅެފަ އެވެ.
އެކަމަކު މެޗުގައި ތަފާތަކަށްވީ މިދުހަތެވެ. ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށް ދިނުމުގައި ވެސް އެންމެ ފަހުގެ ދެވަނަ ޑިވިޝަނުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބިޗަޑްގެ ލަނޑަކީ ލީގުގައި އެ ޓީމު ހަމައެކަނި ލަނޑެވެ.
މެޗުގެ އިތުރު ވަގުތުގައި ގްރީންގެ އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ހިލޭޖުން އަމާޒުވީ ގޯލްގެ ކަނަށެވެ. އެ ބޯޅަ ދިފާއު ކުރަން ގްރީންގެ ކީޕަރު އަހްމަދު ރަމީޒަށް ކުރެވޭނެ ވެސް ކަމެއް ނެތެވެ. ބޯޅަ ގޯލަށް ވަނީ ދަނޑި ކައިރިން ގޮހެވެ.
މިއީ މި ސީޒަނުގައި ގަލޮޅު ދަނޑުން ފެނުނު ތިންވަނަ ހިލޭ ޖެހުމެވެ. މީގެ ކުރިން ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އާއި ބުރުގެ މުހައްމަދު ނާއިމު ވަނީ ހިލޭޖެހުމުން ލަނޑު ޖަހައިފަ އެވެ.