ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަމަޖައްސައިފި
ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗު ކަމަށް ސްލޮވޭކިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯޖްލީ ގެރީ ހަމަޖައްސައިފި އެވެ.

ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަމަޖައްސައިފި
ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަމަޖައްސައިފި

މި ސީޒަނަށް ވިކްޓަރީން އެންމެ ފުރަތަމަ ތައްޔާރުވާން ފެށީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފްއާ އެކު އެވެ. އެކަމަކު ސީޒަން ފެށުން ލަސްވެ، ވިކްޓަރީގެ ހަރަކާތްތައް ވެސް ހިނދިގެން ދިއުމުން އާތީ ބަދަލުވީ ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމަށެވެ.

މި މަހު ފެށި ސީޒަނަށް ވިކްޓަރީ ތައްޔާރުވީ ކުރީގެ އެއްވަނަ ފޯވާޑް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ވަގުތީ ކޯޗެއްގެ ގޮތުގައި ލިސްޓްކޮށްގެންނެވެ. ހަ އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ ލައްޗޭގެ ނަމަވެ.

އެ ޓީމުގެ ދެވަނަ މެޗުގައި މިއަދު ހަވީރު، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނެރުނު ޓީމު ލިސްޓްގައި ވެސް ކޯޗަކަށް ޖަހާފައި ވަނީ ލައްޗޭގެ ނަމަވެ، އެކަމަކު މެޗު ފެށެން ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެފްއޭއެމްގެ ކޮމްޕިޓީޝަން ޑިޕާޓްމެންޓްގެ އޮފިޝަލް ވަނީ، އެ އެސޯސިއޭޝަނުގެ މީޑިއާ ވަޓްސްއެޕް ގުރޫޕުން ޓީމު ލިސްޓްގެ ފައިލް ފޮހެލާފަ އެވެ.

އެއަށް ފަހު އެފްއޭއެމްގެ އޮފިޝަލް ވަޓްސްއެޕް ގުރޫޕަށް ދެން ފޮނުވި ޓީމު ލިސްޓްގައި ވިކްޓަރީގެ ހެޑް ކޯޗު ގެ ގޮތުގައި ޖަހާފައި ވަނީ ޖޯޖްލީ ގެރީގެ ނަމެވެ. އަލުން ފޮނުވި ލިސްޓްގައި ލައްޗޭގެ ނަން ޖަހާފައި ވަނީ އެސިސްޓެންޓް ކޯޗުގެ ގޮތުގަ އެވެ. މިއަދުގެ މެޗުގައި ވެސް ޓީމަށް އިރުޝާދު ދިނީ ލައްޗޭ އެވެ. ގެރީ އަދި ރާއްޖެ އައިސްފައެއް ނުވެ އެވެ.

ކޯޗެއްގެ ގޮތުގައި ގެރީ މަސައްކަތް ކުރަން ފެށީ 2014 ގަ އެވެ. ސްލޮވާކިއާގެ އެކި ކްލަބްތަކުގައި 10 އަހަރު އޭނާ ވަނީ ގިނަ މަސައްކަތްކެއް ކޮށްފަ އެވެ.

މިދިޔަ އަހަރު އޭނާ މަސައްކަތް ކުރީ ސްލޮވޭކިއާގެ ޓޮޕް ލީގުގެ ކްލަބް އެފްސީ ކޮސިޝޭގަ އެވެ. ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވެ، އޭރު ރެލިގޭޓްވެދާނެ ކަމުގެ ބިރު އޮތް ޓީމު ރެލިގޭޝަނުން ސަލާމަތްކޮށް ދިނެވެ.

ރެލިގޭޝަން ބުރު ކުޅެ އެ ޓީމު ސަލާމަތްކޮށް ދިނުމުން ދެން ޖެހިގެން އައި ސީޒަން (މިދިޔަ ސީޒަނުގައި) ގެރީއާ އެކު ކުރިއަށްދާން އެ ކްލަބްގެ މެނޭޖްމެންޓުން ނިންމި އެވެ. އެކަމަކު އެ ސީޒަންގެ ކުރީކޮޅު ނެރުނު ދަށް ނަތީޖާތަކާ އެކު އޭނާ މަގާމުން ވަކި ކުރި އެވެ.

ވިކްޓަރީގެ ޕްރޮޖެކްޓަކީ ޔޫރަޕުގެ ބައްރުން ބޭރުގައި އޭނާ ކުރާ ފުރަތަމަ މަސައްކަތެވެ.

ގެރީ އަށް މަގާމު ދިނުމުގެ ކުރިން ވިކްޓަރީން މަސައްކަތް ކުރީ އެ އެ ޓީމުގެ ލެޖެންޑް އަދި ކުރިން އެ ޓީމަށް ކުޅުނު މޮރޮކޯގެ ފޯވާޑް ފިދާދީ މުހައްމަދު މަގާމަށް ގެނައުމަށެވެ. އެކަމަކު އޭނާއާ އެކު ވާހަކަތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް އެކަން ނާކާމިޔާބު ވީ އެވެ. އެނގިފައިވާ ގޮތުގައި ފިދާދީ މަސައްކަތް ކުރަނީ ގަތަރުގެ އެފްއޭގޭ ފުޓްބޯޅަ ޑިވެލޮޕްމެންޓް މަގާމެއްގަ އެވެ.