ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

އެ ކޯޓުން ވަނީ މިމަހުގެ 17 ގައި ވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެކަމަކު އަލުން އިއުލާނުކޮށްފައިވާއިރު ފެމިލީ ކޯޓުން ބުނީ ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 55،700ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުން މަތީގެ އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެެގެން ދެ އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

ޖޭއެސްސީން ބުނީ އެ މަގާމަށް އެދި އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެޕްލިކޭޝަނުގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ނަމަ، ހަމަ އެ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހުށަހެޅުމަށް އެދިފައިވެ އެވެ.