25 ސެޕްޓެމްބަރ 2025 - 15:51

ފަނޑިޔާރުންނަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ތަފާތު އަދި ނަމޫނާ އަހްލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ފަނޑިޔާރުކަމުގެ ޒިންމާއަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ އުސޫލުތަކެއް ފަނޑިޔާރުން ހިފަހައްޓަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާއެއް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ ހިފެހެއްޓުންތައް ފަނޑިޔާރުން ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދައުލަތުގެ އެހެން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާ ވެސް ތަފާތު މިންގަނޑެއް ގެންގުޅުއްވާ ބަޔަކަށް ފަނޑިޔާރުން ވާން ޖެހޭނެ. އެހެންކަމުން ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތަކަކީ ވަރަށް ލިމިޓް ކުރެވިފައިވާ މިންގަނޑެއްގެ ތެރޭގައި އޮންނަންޖެހޭ އުޅުންތަކާއި ގުޅުންތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ކޯޓުތަކަށް ހިދުމަތް ހޯދަން ދާ މީހުންނާ މުއާމަލާތް ކުރަންޖެހޭނީ ވަރަށް އިހްތިރާމާ އެކު އެވެ. އަދި ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން ކަމަށާއި ފަނޑިޔާރުންނަށް ލިބޭ ހަމައެކަނި ބާރަކީ ގާނޫނުތަކުގެ ދަށުން ލިބޭ ބާރު އެކަނި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މަސައްކަތުގެ އަހްލާގް ދެމެހެއްޓުމަކީ އާންމުންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ބޭރުން އެއްވެސް ގޮތަކަށް ކޯޓުގެ މާހައުލުގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މަސައްކަތުގައި ރައުޔު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ހިޔާލު ތަފާތުވި ނަމަވެސް އަމާޒަކަށް ވާންޖެހޭނީ ހައްލަކާ ހަމައަށް ދިއުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިން މަދަނީ ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި އިސްގާޒީ މާހިރު ހައި ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދެވެ.