އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ކެތު ލެބު ހިންގަން ހަތް ފަރާތަކުން ކުރިމަތިލައިފި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ކެތު ލެބު ހިންގަން ހަތް ފަރާތަކުން ކުރިމަތިލައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކެތު ލެބު ހިންގަން ހަތް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި ބަޔަކާ ހަވާލުކޮށް އަންނަ މަހުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސެޓަޕް ހެދިތާ ދޮޅު އަހަރު ފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގައިދޭނެ ބަޔަކު ހޯދަން މިދިޔަ ޖޫން މަހު ވަނީ އިއުލާންކޮށްފަ އެވެ. އެ މުއްދަތު، އެ މަހުގެ 29 އަށް ހަމަވިއިރު، ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

ޔާސިރު "މިހާރު" އަށް ވިދާޅުވީ ތިން ފަރާތެއް ޝޯޓުލިސްޓުކޮށް އިވެލުއޭޓުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، ކެތު ލެބު ހިންގާނެ ފަރާތެއް ކަނޑައަޅާނީ ޓެންޑާ ބޯޑުންނެވެ.

"އެ މަރުހަލާތައް ނިންމުމަށް ފަހު އަންނަ މަހުގެ ތެރޭގައި މަސައްކަތް ފެށުމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހިތުގެ މައްސަލަތަކަށް ފަރުވާ ދޭނެ ލެބު ހިންގާނެ ބަޔަކު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދެ އަހަރުވާން ކައިރިވެގެން ދިޔައިރު ވެސް އެ ތަން މިހާތަނަށް ބޭނުމެއް ނުކުރެވެ އެވެ.

ޔާސިރު ކުރިން ވިދާޅުވީ ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ. އޭރުން ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލެ ފޮނުވައިލަން ޖެހޭ މީހުން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތުގެ މައްސަލަތަކުގައި ވަގުތަކީ ވަރަށް މުހިއްމު އެއްޗެއް. އައްޑޫ އަދި ފުވައްމުލަކު ހިސާބުން ވެސް މީހުން މާލެއަށް ފޮނުވާލުމުގެ ބަދަލުގައި އަވަހަށް މި ތަނުން ފަރުވާ ދެވޭނެ،" ޔާސިރު ވިދާޅުވި އެވެ.