އިންޑިގޯއިން ރާއްޖެ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށަނީ
އިންޑިގޯއިން ރާއްޖެ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށަނީ

އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯއިން ޓްރިވެންޑްރަމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، އަންނަ މަހުގެ 26 އިން ފެށިގެން ޓްރިވެންޑްރަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ. އިންޑިގޯއިން މިހާރު ވެސް އަންނަނީ ރާއްޖެ އާއި އިންޑިއާގެ ތިން ސިޓީއަކާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. އެއީ ބެންގަލޫރާއި މުމްބާއީ އާއި ކޮޗިން އެވެ.

އެ އެއާލައިންގެ ހެޑް އޮފް ސޭލްސް، ވިނޭ މަލޯތުރާ ވިދާޅުވީ، ޓްރިވެންޑްރަމުން ޝެޑިއުލް ދަތުރުތައް މާލެއަށް ކުރަން ފެށުމުން، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އެއާ އެކު އެ އެއާލައިނުން ރާއްޖެއަށް ކޮންމެ ހަފްތާއަކު 26 ފްލައިޓް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓްރިވެންޑްރަމަށް ދަތުރުތައް ފެށުމުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިގޯއިން ޓްރިވެމްޑްރަމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރުމުގައި ބޭނުންކުރަނީ އެ އެއާލައިންގެ އޭޓީއާރް މަތިންދާބޯޓުތަކެވެ. އެއީ 78 ސީޓުގެ މަތިންދާބޯޓެކެވެ.

އިންޑިގޯ އަކީ އިންޑިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ދަތުރުތަކުގައި 400 ބޯޓު ބޭނުން ކުރާ އިރު ދުވާލަކު 2،200 ފްލައިޓް 90 ސިޓީއަށް ދަތުރު ކުރެ އެވެ. އޭގެ ތެރޭގައި 40 އިންޓަނޭޝަނަލް މަންޒިލް ވެސް ހިމެނެ އެވެ.

އިއްޔެ ވަނީ ވީއައިއޭގެ އާ ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފަ އެވެ. އެއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.