ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި
ހައި ކޯޓަށް އިސްގާޒީ މާހިރު އައްޔަންކުރަން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން އިސްގާޒީ މާހިރު އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ.

މާހިރު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްުޔަންކުރާ ރަސްމިއްޔާތު ވަނީ މިއަދުގެ މެންދުރު ދޭއް ޖަހާއިރަށް ތާވަލްކޮށްފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ. އެނގިފައިވާ ގޮތުގައި އިސްގާޒީ މާހިރަކީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށެވެ. ނަމަވެސް ޝަހީދު އައްޔަން ކުރަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފަ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލި އެވެ.

ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.