25 ސެޕްޓެމްބަރ 2025 - 11:43

ބަންގްލަދޭޝް 41 ލަނޑުން ބަލިކޮށް އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޑިއާ އިން ރޭ ހޯދައިފި އެވެ.
އިންޑިއާ ފައިނަލަށް ދިޔައީ ސުޕަ ފޯ ބުރުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުން މޮޅުވީ ޕާކިސްތާން އަތުންނެވެ.
ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭ ޕާކިސްތާނާއި، ބަންގްލަދޭޝް ކުޅެ މޮޅުވާ ޓީމަކަށެވެ. ސުޕަ ފޯގައި ދެން ހިމެނޭ ސްރީ ލަންކާ އަށް ފައިނަލުގެ ފުރުސަތެއް ނެތެވެ.
ދުބާއީގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބަންގްލަދޭޝް ގަސްދުކުރީ ހޮވާށެވެ. އިންޑިއާ ކުޅެން އަރައި 20 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހެދި އެވެ. ބަންގްލަދޭޝް އަށް 19.3 އޯވަރުގެ ތެރޭ އެންމެން ނުބައިވިއިރު ހެދުނީ 127 ލަނޑެވެ.
މި މެޗުގައި އެންމެ މޮޅަށް ކުޅުނީ 75 ލަނޑު ހެދި އިންޑިއާގެ އަބީޝެކް ޝަރްމާ އެވެ. މިއީ މި މުބާރާތުގައި އޭނާ ހެދި ދެ ވަނަ ބައި ސެންޗަރީ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ޑުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގަ އެވެ.
މިއީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ކްރިކެޓް މުބާރާތެވެ. އެންމެ ފަހުގެ ޗެމްޕިއަނަކީ އިންޑިއާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް، 8 ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އެވެ.