ސިސްޓަމް ހަލާކުވެއްޖެ؟ ތުހުމަތު އެއް ބަޔަކު އަނެއްބައެއްގެ ބޮލަށް!
ސިސްޓަމް ހަލާކުވެއްޖެ؟ ތުހުމަތު އެއް ބަޔަކު އަނެއްބައެއްގެ ބޮލަށް!

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނަގަން އޮތް ބޮޑު ވޯޓާ ދިމާކޮށް ވޯޓިން ސިސްޓަމްގައި މައްސަލަތަކެއް ކުރިމަތިވެއްޖެ ކަމަށް ބުނެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެމެދު ޒުވާބު އުފެދިއްޖެ އެވެ.

"އަޅުގަނޑު މަޖިލީހަށް ވަނީއްސުރެ އަޅުގަނޑުގެ ސިސްޓަމް ބޭނުމެއް ނުކުރެވޭ. މުޅި ސިސްޓަމް އެ އޮތީ ހަލާކުވެފައި،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު އެ މައްސަލަ ވާނީ ހުށަހަޅައިފައި. އެކަމަކު މިހާތަނަށް ރަނގަޅެއް ނުކުރެވޭ."

"އަޅުގަނޑުމެންނަށް އެއްވެސް ޔަގީން ކަމެއް އަޅުގަނޑުމެންގެ އެއްވެސް މެމްބަރެއްގެ ސިސްޓަމް މައްސަލަ ނެތް ކަމަކަށް."

އަނެއްކޮޅުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވަނީ ސިސްޓަމާ ކުޅެފައި ވަނީ ނުވަތަ ހަލާކުކޮށްލައިފައި ވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ވޯޓު މެޝިނާ ކުޅެވޭނެ ކަމަށް ހީވި މީހުންނަށް ވަރަށް ސަލާމް،" އޭނާ ވިދާޅުވި އެވެ. "މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ހެކްކޮށްގެން ގަންނަން އުޅުނު ގަނޑު ފެއިލް ވީމާ ކޯލިޝަން ބޭގަރާރުވެއްޖެ."

ވޯޓިން ސިސްޓަމްގައި މައްސަލަތަކެއް އުޅޭ ކަމަށް އަޑުތައް އިވިފައިވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު ވިދާޅުވި އެވެ. އަދި ވޯޓިން ސިސްޓަމް ހަލާކުކޮށްލީ ސަރުކާރުން ކަމަށާއި ސަބަބަކީ އެއީ ދައުލަތުގެ ބެލުމުގެ ދަަށުގައި ހުންނަ އިމާރާތަކަށް ވާތީ ކަމަށް ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތަފާ ވިދާޅުވީ "އެއީ މިނިވަން ކަމާ އެކު ވޯޓު ލުމުގެ ފުރުސަތު ގެއްލުވާލުންް" ކަމަށެވެ.

ވޯޓިން ސިސްޓަމްގައި މައްސަލަތަކެއް އުޅޭ ކަމުގެ ތުހުމަތުތަކާ އެކު ނިހާން ވަނީ، މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގާ ގޮތަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އެގޮތް ގަބޫލެއް ނުކުރެ އެވެ.