25 ސެޕްޓެމްބަރ 2025 - 11:50

ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކަމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ހިންގި "ކުރަނގި" އޮޕަރޭޝަނުން އެނގޭ ގޮތުގައި ރާއްޖޭގައި 178,000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. މީގެ ތެރޭގައި ތިބި ގާނޫނާ ޚިލާފަށް އުޅޭ މީހުން ވަގުތުން ޑީޕޯޓްކުރަން ނިންމައި ހާއްސަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން މި ހަފުތާގައި ވަނީ ފަށައިފަ އެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އެ އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ނަވީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ފުލުހުން ޓޮލެރޭޓްކުރާނެ ކަމެއް ނޫން ކަމަށެވެ. އެ މީހުންގެ ފައިދާ ނަގާ މީހުން ވެސް ޓޮލެރޭޓްނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރުގެ މަސައްކަތްތެރިން ސައްހަ ގޮތުގައި ކުރާ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނަ ހިނދު، އަޅުގަނޑުމެންގެ ގައުމަށް ގަވައިދާ ހިލާފަށް ވަންނަ ނުވަތަ ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހުންނާ މެދު ވަރުގަދައަށް ފިޔަވަޅު އަޅާނަން،" ނަވީން ވިދާޅުވި އެވެ.
ކަމާބެހޭ އިދާރާތަކުން ފެށި އޮޕަރޭޝަނުގައި ފުރަތަމަ ދުވަހު އެކަނި ވެސް 81 ބިދޭސީއަކު ގާނޫނާ ހިލާފަށް އުޅެނިކޮށް އަތުލައިގަތެވެ. މީގެ ތެރޭގައި ފުޅާދާއިރާއެއްގައި އެކި ވިޔަފާރިތައް ހިންގާ މީހުން ވެސް ހިމެނެ އެވެ.
މި އޮޕަރޭޝަން މާލޭގެ އިތުރުން އަތޮޅުތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ސައްހަ ލިޔެކިއުންތައް ނެތި މަސައްކަތްކުރާ އެތައް ހާސް ބިދޭސީންނެއް އުޅޭ އިރު އެ މީހުންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް ހޯމް މިނިސްޓްރީން އަންނަނީ ކުރަމުންވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ބަޔޯމެޓްރިކްސް އެއްކޮށް ނިމުމުން، ރާއްޖޭގައި ގަވައިދަށް ފެތިގެން މަސައްކަތް ކުރަން ބޭނުންވާ މީހުން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ.