25 ސެޕްޓެމްބަރ 2025 - 11:44

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރަން ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ.
ނަމަވެސް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލާގެ ތަހުގީގުގައި، ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާއިރު، އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި ރިޔާޒް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް އެދިފައިވާނެ ކަމަށް ވެސް ވަކީލުން ބުންޏެވެ. ރިޔާޒް ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެ މައްސަލާގައި ނެގުން މުހިންމު ހެކިބަހެއް ކަމަށް ވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުންޏެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ މަނިކުފާނަށް ދައުވާ ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިގެން، އޭނާއަށް ލުއިތަކެއް ދީގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ބުނީ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކިބަސް ނަގަން އެދޭ ނަމަ، އެ ހެކި ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތެއް ދައުލަތުން ބޭނުންވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ގެންދިއުމަށް ފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ، ގާޒީ ނަދީމް ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށް ފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމށެވެ. ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
ފުއްގިރީގެ މައްސަލާގެ އިތުރުން ވ. އާރަށް މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލާގައި އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލްކޮށްފަ އެވެ.