25 ސެޕްޓެމްބަރ 2025 - 11:22

އެލްޖީއޭއިން ހެދި އިންކުއަރީއަށް ފަހު ގދ. ތިނަދޫގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފި އެވެ.
އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގަ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑުކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު ވަނީ އުވިފަ އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ އިންކުއަރީން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް މުއްދަތެއް ދޭންޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު، ކަންކަން ރަނގަޅުކުރަން އެއްވެސް މުއްދަތެއް ނުދޭ ކަމަށެވެ.
އެލްޖީއޭ އިން އޭރު ބުނި ގޮތުގައި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތައް ބަލާފައިވާ ކަމަށެވެ.
އެލްޖީއޭގެ ރިޕޯޓުގައި 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ؛
- ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ
- ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނަގާ މައްސަލަ
- ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެކަމަށް އަމަލުނުކުރުން
- އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ
- އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުން
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން
- އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން
- ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ
- ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން
- ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ
ގާނޫނާ ހިލާފަށް ސަސްޕެންޑުކުރި ކަމަށް ވިދާޅުވެ ސައުދު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.