ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދެވޭ ގޮތް ހަަދައިފި
ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދެވޭ ގޮތް ހަަދައިފި

ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުން ހަމަޖައްސައި ރާއްޖެއާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ލިބޭ ގޮތް ހަދަން މީގެ ކުރިން ވެސް ގިނަ ގައުމުތަކަކާ އެކު އެފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެ އެވެ.