25 ސެޕްޓެމްބަރ 2025 - 10:06

އަފްޣާނިސްތާނުގެ ކުޑަ ކުއްޖަކު ކާބުލް އިން އިންޑިއާގެ ނިއު ދިއްލީއަށް، މަތިންދާބޯޓެއްގެ ލޭންޑިން ގިއަރު ތެރޭގައި އޮވެގެން ދަތުރުކޮށްފި އެވެ.
އިންޑިއާގެ އިދާރާތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 13 ވަރަކަށް އަހަރުގެ މި ކުއްޖާ ފެނުނީ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ދާނެ ތަނެއް ނޭނގި އެކި ކޮޅުކޮޅަށް ހިނގަނިކޮށެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކާމް އެއާލައިންސްގެ ބޯޓެއް ޖެއްސިތާ އިރުކޮޅެއް ފަހުން އެ ކުއްޖާ ފެނުމާ އެކު އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ބަލަން ފެށި އެވެ.
ތަހުގީގަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ އަފްޣާނިސްތާނުގެ ކުންދުޒް އަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އެ ކުއްޖާ ބޯޓުގެ ލޭންޑިން ގިއަރު ތެރެއަށް ވަނީ "ބަލައިލަން" ކަމަށެވެ. އެކަމަކު އިންޑިއަން އެކްސްޕްރެސް ނޫހުން ކުއްޖާގެ ފޮޓޯއާ އެކު ޖެހި ޚަބަރެއްގައި ބުނެފައިވަނީ އެއީ ފިލައިގެން އީރާނަށް ދާން އުޅުނު ކުއްޖެއް ކަމަށާއި އެ ފްލައިޓުގެ ލޭންޑިން ގިއަރު ތެރެއަށް ވަނީ އެއީ އިންޑިއާއަށް ދާ ފްލައިޓެއްކަން ނޭނގި ކަމަށެވެ.
އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ކުއްޖާ ސިއްރުން ކާބުލް އެއާޕޯޓަށް ވަދެ، ދަތުރުވެރިންގެ ފަހަތުން ގޮސް މަތިންދާބޯޓުގެ ފަހަތު ފުރޮޅުގެ ކޮމްޕާޓްމަންޓުތެރޭ ފިލީ ކަމަށެވެ. އަތުގައި އޮތީ ރަތް ކުލައިގެ ސްޕީކަރެއް އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުއްޖާ ވަނީ އެތައް ހާސް ކިލޯމީޓަރު އުހުން، 1،000 ކިލޯމީޓަރުގެ ރާސްތާއެއް ދަތުރުކޮށްފަ އެވެ. މި ދަތުރަށް ދޮޅު ގަޑިއިރު ހޭދަވި އެވެ.
ކުއްޖާ ހިފަހައްޓައި ސުވާލުކުރުމަށް ފަހު ވަނީ ހަމަ އައި ފްލައިޓުން އަނބުރާ ފޮނުވާލައިފަ އެވެ.
ލޭންޑިން ގިއަރު ތެރޭ ކުއްޖާ އޮތް ތަނުން ރަތް ކުލައިގެ ސްޕީކަރެއް ފެނުނު ކަމަށާއި ކުއްޖާއަށް އަދި ބޯޓަށް ވެސް އެއްވެސް ގެއްލުމެއް ވެފައި ނެތް ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.
ފިލައިގެން އެއް ގައުމުން އަނެއް ގައުމަށް ދާން މަތިންދާބޯޓުގެ ލޭންޑިން ގިއަރު ތެރޭ ފިލުމަކީ ކޮށް އުޅޭ ވަރަށް ނުރައްކާތެރި ކަމެކެވެ. އެމްސްޓަޑަމްއަށް ދިޔަ ކާގޯ މަތިންދާބޯޓެއްގެ ލޭންޑިން ގިއަރު ތެރެއިން 2022 ވަނަ އަހަރު ކެންޔާގެ 22 އަހަރުގެ ފިރިހެނަކު ވެސް ފެނިފައިވެ އެވެ.