25 ސެޕްޓެމްބަރ 2025 - 00:01

ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމުގެ ދަތުރަށް ފަހު އެނބުރި އައި މުހައްމަދު އިލާން އިމްރާން ހަދިޔާ ކުރި ލަންޑުން މާޒިޔާއިން 3-0 ން ޓީސީ ބަލިކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ އިލާން އެވެ.

މި މަހުގެ 15 ގައި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު، މާޒިޔާ އަށް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވުމަށް ފަހު އިލާން 17 އަހަރުންދަށުގެ ގައުމީ ޓީމާ ގުޅުނީ ލަންކާގައި މިހާރު ކުރިއަށްދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އިލާން އަށް ބައިވެރި ނުވެވުނީ ޗެރިޓީ ޝީލްޑް މެޗު އޭރު ކުރިމަތީގައި އޮތުމުންނެވެ. އެ މެޗު ކުޅެ، އޭގެ އަނެއް ދުވަހު ލަންކާ އަށް ގޮސް އޭނާ ޓީމާ ގުޅުނެވެ.
ކުޅުނު ތިން މެޗުން ވެސް ދިވެހި ޓީމު ބަލިވުމުން ރާއްޖެ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
ލީގު ހުޅުވި މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާއިން އީގަލްސްއާ ދެކޮލަށް ކުޅުނު އިރު، އިލާން ހުރީ ކޮލަމްބޯގައި ގައުމީ ޓީމުގެ ކޭމްޕްގަ އެވެ.
އެނބުރި އައިސް ކުޅުނު މެޗުގައި ލަންޑު ޖެހުމުގެ ކުރިން ވެސް އޭނާ އަށް އެހެން ފުރުސަތެއް ވެސް ލިބުނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ ފަހުކޮޅުގައި ނައްސާހް އިބްރާހިމް ނާސިރު އޭރިއާ ތެރޭގައި ހުރެފައި ތިރިރިން ދިން ބޯޅައިންނެވެ.
ހަމަޖެހިލާފައި އޭނާ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. ޓީސީގެ ކީޕަރަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.
މާޒިޔާގެ ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އެސިސްޓްކޮށް މާޒިޔާގެ ވައިސް ކެޕްޓަން ހަމްޒާ، މިހާތަނަށް ހަތަރު އެސިސްޓްކޮށްދީފަ އެވެ.
މެޗުގެ އަށްވަނަ މިނެޓްގައި މާޒިޔާގެ ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑިގުޗީއާ ބޮލުން ޖެހީ ހަމްޕް ނަގައިދިން ހުރަހުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަސަން ނަޒީމު (ޗޯޓް) މާޒިޔާގެ ދެވަނަ ލަނޑު ޖެހީ ވެސް އޭރިއާ ތެރެއަށް ތިރިތިން ހަމްޕް ދިން ޕާހުންނެވެ.
ސީޒަން ހުޅުވި މެޗުގައި ވެސް މޮޅަށް ކުޅުނު އަހްމަދު އައިހަމް (ފަތޯ)، ރޭ ގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.