24 ސެޕްޓެމްބަރ 2025 - 23:25

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމްކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ، ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން ކަމަށެވެ.

އެ ތަންތަން އަޅަން ނިންމާފައި ވަނީ އެރަށެއްގެ އާބާދީގެ ނިސްބަތުންނާއި އެރަށެއްގައި ބިން އޮތް މިންވަރަކާއި އެރަށެއްގައި ފެސިލިޓީ ހުރި މިންވަރަކަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެބަހުރި ވަރަށް އާބާދީ ކުޑަ، ޖާގާ ނެތް ރަށްރަށް ވެސް. އެހެންވީމަ އެ ހުރިހާ ކަމެއްގެ ހަގީގަތް މައްޗަށް ރިއާޔަތްކޮށް މި ވާހަކަ މި ދެއްކީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް ހަދާފައި ހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ވަރަށް ފުޅާ ދާއިރާއެއްގައި ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"އިސްލާމިކް ލާނިންގް އިތުރު ކުރަން، ޒަމާނަށް ފެތޭ ގޮތަށް އިސްލާމް ދީން ވަރުގަދަަށް ކިޔަވާދޭން އަޅުގަނޑުމެން ބޭނުން. އެހެން ދިމާލަކަށް ދާކަށް ބޭނުމެއް ނޫން. އިސްލާމް ދީނަކީ ހައްލަކީ. އެހެންވީމަ ދީނުގެ އޮންނަ ގޮތަށް، ދީން ކިޔަވައި ދިނުމަށް މި ސަރުކާރުން ވަަރަށް އިސްކަމެއް ދޭނެ،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް މާލޭގައި އެޅުމަށް ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެ އިމާރާތް އެޅުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެތަނުން ދީނީ އެތައް ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.