ރައީސްގެ އަމާޒަކީ ދިރިއުޅުމުގެ އާދަތަކުން ޖެހޭ ބަލިތަކާ ދުރު ގައުމެއް
ރައީސްގެ އަމާޒަކީ ދިރިއުޅުމުގެ އާދަތަކުން ޖެހޭ ބަލިތަކާ ދުރު ގައުމެއް

ރާއްޖެއަކީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ޖެހޭ ބަލިތަކާ ދުރު ބަޔަކު އުޅޭ ގައުމަކަށް ހަދަން ބޭނުންވާ ކަމަށާއި ބަލިވުމުން ފަރުވާކުރުމާ އެއްވަރަށް، ބަލިތަކުން މީހުން ސަލާމަތްކުރުމަށް ވެސް އިންވެސްޓްކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިހެން ވިދާޅުވީ ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ދުންފަތުގެ ބާވަތްތަކުން ދިވެހި ޖީލުތައް ސަލާމަތްކުރަން ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ނޭދެވޭ އަމަލުތަކުން ދުރުވާން ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ދޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރުގައި އަމަލުކުރަން ފަށާ ޖެނަރޭޝަން ބޭންގެ ސަބަބުން އަންނަ އޮތް ޖީލު ވެސް ދުންފަތުން ސަލާމަތް ކުރެވޭނެ ކަމަށެވެ.

މި ސިޔާސަތުގެ ދަށުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުމާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

"އެކަމަށް [ދުންފަތުން ސަލާމާތްވާން] ސަރުކާރުން އިންވެސްޓް ކުރާނެ. މި ސަރުކާރުން ކުރާނެ. އެއީ އަޅުގަނޑުގެ ވައުދެއް. އަޅުގަނޑުގެ ސިޔާސަތެއް، މެނިފެސްޓޯ ކަނޑައަޅައި އަމަލު ކުރަމުންދާ، ތަންފީޒު ކުރަމުންދާ ސިޔާސަތެއް. އެއީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީންކޮށްދިނުމަށްޓަކައި ކަނޑައެޅި ސިޔާސަތެއް. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުން ވަރަށް އުފަލާ އެކީ ބަލައިގަންނަކަން،" ރައީސް ވިދާޅުވި އެވެ.

"މީގެން ވާނީ ފައިދާ. މީގެން ކުރިއަށް އޮތް ޖީލުތައް އެބަ ސަމާލަތް ކޮށްދެވޭ."

ސިއްހީ ދާއިރާ އެމަނިކުފާނަށް ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރަށްވުރެ ވަރަށް ބޮޑަށް އެ ދާއިރާ ކުރިއަރުވަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން، ބަލި ޖެހުމުގެ ކުރިން ކުރަން ޖެހޭ ކަންކަމާއި ބަލި ޖެހުމަށް ފަހު ދޭން ޖެހޭ ފަރުވާ ދިނުމުގެ ދާއިރާއަށް އިންވެސްޓްކުރަނީ އެއް ވަރަކަށް ކަމަށް ވިދާޅުވި އެވެ.

"އެއީ ބަލިތަކުން ރައްކާތެރި ކުރުމަށް. ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ސަރުކާރުގެ ލެވެލްގައި ފޯރުކޮށްދިނުން. އެ ހިދުމަތް ރައްޔިތުންގެ ލެވެލްގައި ނުއެއް ދެވޭ ހަގީގީ މާނައިގައެއް. މިއަދާ ހަމައަށް ސަރުކާރުތަކަށް ސަމާލުކަން ދެވިފައި އޮތީ ބަލިވުމުން ކޮންމެވެސް ކަމެއް ކޮށްދޭން،" ރައީސް ވިދާޅުވި އެވެ.

"ފަސް ލައްކައެއްހާ މީހުންގެ އާބާދީ ވެސް ނޯންނަ މި މުޖުތަމައު، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުއަކީ ބަލިތަކުން ދުރުވެފައިވާ މި ކިޔާ ލައިފް ސްޓައިލް ޑިޒީޒް ތަކުން ދުރުވެފައިވާ އޮތް ގައުމަކަށް ހަދަން."

ރައީސް ވިދާޅުވީ އެއީ އަމިއްލައަށް ވެސް ކުރެވިދާނެ ކަމެއް ކަމަށާ އެއީ އުނދަގޫ ކަމެއް ވެސް ނޫން ކަމަށެވެ.

ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުމާއި ވިއްކުން އެއްކޮށް މަނާކުރުމުގެ އިތުރުން ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ކުރިއަށްވުރެ ވަނީ ބޮޑުކޮށްފަ އެވެ.

މީގެއިތުރުން، ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށްޓަކައި، 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް "ޖެނެރޭޝަން ބޭން" އެއް ވަނީ ކަނޑައަޅައިފަ އެވެ. އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ޖެނެރޭޝަނަލް ބޭން" އަށް އަމަލުކުރަން ފަށާނެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މި ސަރުކާރުގެ ގެނައި އިސްލާހުތަކުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން އެ ވިއްކާ މީހަކު ކަށަވަރުކުރަން ޖެހެ އެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް މިހާރު ގާނޫނުގައި އޮވެ އެވެ.