އިންޑިގޯއަށް ވެސް ދެން ހިދުމަތް ދޭނީ އާ ޓާމިނަލުން
އިންޑިގޯއަށް ވެސް ދެން ހިދުމަތް ދޭނީ އާ ޓާމިނަލުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އިންޑިގޯއަށް ވެސް ދެން ހިދުމަތް ދޭނީ އާ ޓާމިނަލުން
އިންޑިގޯއަށް ވެސް ދެން ހިދުމަތް ދޭނީ އާ ޓާމިނަލުން

ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު އެވެ.

އިންޑިގޯއަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި އަށް ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެމްބަރު 15، 2018 ގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިންޑިގޯގެ ފުރަތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވާފައިވެ އެވެ. އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އިންޑިގޯގެ އިތުރުން އާ ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސް އެވެ.

އާ ޓާމިނަލުގެ ބޭނުން ކުރަންފެށީ މިދިޔަ ޖުލައި 26 އިން ފެށިގެންނެވެ. އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ މޯލްޑިވިއަނުން ދަތުރުކުރި ފަސިންޖަރުންނަށެވެ.