24 ސެޕްޓެމްބަރ 2025 - 20:25

މިރޭ 12:00 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމައި އެކަމާ ބެހޭ ތަފްސީލް އެމްއޭސީއެލް އިން އާންމުކޮށްފި އެވެ.
އެމްއޭސީއެލް މިއަދު އާއްމުކުރި ޓްރެފިކް ޗާޓްގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް އަަންނާނެ އެންމެ ބޮޑު ބަދަލަކީ ވެހިކަލްތައް ވަންނަ މަގު ބަދަލުވުމެވެ. އެއާޕޯޓަށް ވެހިކަލްތައް ވަދެ ނުކުންނަން އެއް މަގު ބޭނުންކުރުމުގެ ބަދަލުގައި ހުރިހާ ވެހިކަލެއް ވެސް ދެން އެއާޕޯޓަށް ވަންނަން ބޭނުންކުރަން ޖެހޭނީ ކަނޑުތޮށި ކައިރީ އޮންނަ އެންމެ ބޭރު މަގެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ބޭނުންކުރާނީ މިހާރު ޓެކްސީތައް މަޑުކޮށްގެން ތިބޭ ސަރަހައްދުގެ ވާތްފަޅި އެވެ. އަދި ޓާމިނަލް 1 އާއި 2 އަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ނުކުންނާނީ ޓާމިނަލް ކުރިމަތީގައި އޮންނަ މަގުންނެވެ.
ބޭރުމަގުން އަންނަ ވެހިކަލްތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަން އެމްއޭސީއެލް އިން އޮތީ ކުރިން ވެސް އިއުލާނުކޮށްފަ އެވެ.