24 ސެޕްޓެމްބަރ 2025 - 19:10

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އީގަލްސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ބުރު ސްޕޯޓްސް ފަހަތުން އަރައި 2-2 ން ނަތީޖާ ހަމަހަމަ ކޮށްފި އެވެ.

އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަފް އީގަލްސްއިން ވަނީ އާ ސީޒަނުގައި މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. އެކަމަކު އަދި އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވެސް އެ ޓީމާ ދެކޮޅަށް ނުކުތީ މާޒިޔާ އެވެ. ސީޒަން ހުޅުވި މެޗުގަ ބަލިވިޔަސް، ރަނގަޅު ކުޅުމެއް އީގަލްސްގެ ޓީމުން ދެއްކި އެވެ.
އެކަމަކު ލީގުގެ ފުރަތަމަ މެޗުގައި އެ ޓީމުން ފެނުނީ ދަށް ކުޅުމެކެވެ. ނާއިޒު ހަސަންގެ ހަތަރު ގޯލާ އެކު މާޒިޔާއިން ޖުމުލަ ފަސް ލަނޑު ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް ކޮޅަށް ވައްދާލި އެވެ.
ސީޒަން ފެށެން ވަގުތު ކުޑަތަން ވެފައި އޮއްވައި ތައްޔާރުވާން ފެށި އީގަލްސް އަށް އެންމެ ރަނގަޅު ކުޅެވުނީ މިއަދުގެ މެޗުގަ އެވެ.
އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ޖަހައިދިން ގޯލްތަކާ އެކު، ގާތްގަނޑަކަށް ފުރަތަމަ 20 މިނެޓް ތެރޭގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ.
ބުރު ސްޕޯޓްސްގެ ފުރަތަމަ މެޗުގައި، އެ ޓީމުނވަނީ ވިކްޓަރީގެ މައްޗަށް 5-0 ން ބޮޑު މޮޅެއް ހޯދައިފަ އެވެ. އެކަމަކު ވިކްޓަރީ ކައިރީގައި ދެއްކި އީގަލްސްގެ މެޗުގައި ބުރުގެ ޓީމަކަށް ނުދެއްކުނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ލަނޑު ޖެހީ މުހައްމަދު ނާއިމެވެ. ކުރިން އީގަލްސް އަށް ކުޅުނު ނާއިމު، ލަނޑު ޖެހީ މެޗުގެ 38 ވަނަ މިނެޓްގަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބުރަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަބްދުﷲ ޖުނައިދު (ޖޭންނޭ) އެވެ.