ދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރަން އިތުރު 200 ލޯނު ދޫކުރަނީ
ދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރަން އިތުރު 200 ލޯނު ދޫކުރަނީ

މަސްދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރަން ސަރުކާރުން ފަށާފައިވާ ސްކީމުގެ ދަށުން އިތުރު 200 ލޯނު ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތ.އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހިރިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދޯނިފަހަރުގައި އާރްއެސްޑަބްލިއު ނިޒާމު (ފެން ފިނިކުރާ ނިޒާމު) ގާއިމްކުރަން ދޫކުރި ލޯނުތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ލޯނު ލިބުނީ ހިރިލަންދުއަށް ކަމަށެވެ. އެރަށުގެ ހަ އޮޑިވެރިއަކު އެ ލޯނަށް ހުށަހެޅި އެޕްލިކޭޝަން ކާމިޔާބުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ހަތަރު އޮޑިވެރިއަކަށް އެ ލޯނުގެ ފައިސާ މިހާރު ދޫކުރަން ފަށާފައި ވާއިރު އަނެއް ދެ އޮޑިވެރިންނަށް ފައިސާ ދޫކުރަން އަންނަނީ ތައްޔާރުވަމުންނެވެ،

"އާދެ، އާރްއެސްޑަބްލިއު ސިސްޓަމަކީ ވަރަށް ޒަމާނީ ސިސްޓަމެއް. އައިސް ހޯދުމަށް ހުރި ދަތިތައް ހައްލުވެގެންދޭ ދޯނިފަހަރުގައި އެ ނިޒާމު ގާއިމްކުރެވިގެން ދިއުމުން. އަޅުގަނޑުމެން މިހާރު މި ދަނީ އޭގެ އާ ފޭސް އެއް ނުވަތަ އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ހަމަ މިއަހަރު ތެރޭގައި، ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިއަށް، އަަޅުގަނޑުމެން އިތުރު 200 ފަރާތަކަށް އާރްއެސްޑަބްލިއު ލޯނު ދޫކުރުމުގެ މަަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އޭރުން 300 އެއްހާ އޮޑިވެރިންނަށް އާރްއެސްޑަބްލިއު ލޯނު ދޫކުރެވޭނެ ކަމަށެވެ.

މަސްވެރި ރަަަށަކަށް ވާތީ ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްދޭން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދު ވެސް ރައީސް މިއަދު އަލުން އާކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި އެ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް ނިންމައިލާނެ ކަމަށެވެ.