24 ސެޕްޓެމްބަރ 2025 - 18:26

އައްޑޫ ހިތަދޫ ޕޯޓުން ވަގަށް އެތެރެކުރަން އުޅެނިކޮށް މިއަދު އަތުލައިގަތް ސިނގިރެޓްގެ އަދަދު 1.8 މިލިއަނަށްވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
"މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ،" އަތުލައިގަތް ސިނގިރެޓާ ބެހޭ ގޮތުން ކަސްޓަމްސް އިން ނެރުނު ކުރު ބަޔާނުގައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މިއީ ކޮން ބައެއްގެ ނަމުގައި، ކޮން ތާކުން ގެނައި އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މިއަދު އަތުލައިގަތް ޝިޕްމަންޓުގައި 1،840،000 ސިނގިރެޓް ސްޓިކް ހިމެނެ އެވެ. މިއީ 92،000 ކާޓަން ސިނގިރެޓެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރި ފަހުން ތަފާސްހިސާބު ދައްކަނީ ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން މިދިޔަ މަހުގެ 25 ގައި "މިހާރު"އާ ހިއްސާކުރި ތަފާސްހިސާބު ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 42،314،387 ސިނގިރޭޓު އެތެރެކުރި އެވެ.
ކަސްޓަމްސްގެ ހިސާބުތަކުގައިވާ ގޮތުން، 2022 ވަނަ އަހަރު ރާއްޖެއަށް 356.7 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވެ އެވެ. ސީއެފްއައިގެ ގޮތުން ބަލާނަމަ އެއީ 251،805،549ރ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ. އެ އަހަރު އެތެރެކުރީ 350،037،124 ސިނގިރެޓެވެ. އެއީ ސީއެފްއައިގެ ގޮތުގައި 265،878،420ރ. އެވެ.
ސިނގިރެޓް އެތެރެކުރާ ވަރު މަދު ކަމަށް ދައްކަނީ މިގޮތަށް ވަގަށް ސިނގިރެޓް އެތެކުރާތީ ކަމަށް ތުހުމަތުކުރެވޭ ސަބަބުތައް ގިނަ އެވެ.