24 ސެޕްޓެމްބަރ 2025 - 19:37

ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅުގައި މިއަދު ފަށައި އެ އަތޮޅުގެ ހުރިހާ ރަށެއް ގުޅާލައިފި އެވެ.

ތ. އަތޮޅުގައި އާރްޓީއެލް ފަށަން ނިންމިކަން އެމްޓީސީސީން އިއުލާން ކުރީ ވެސް މި މަހު އެވެ.
ފެރީގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގަ އެވެ.
އެމްޓީސީސީން ބުނީ ތ. އަތޮޅުގެ ހިދުމަތާ އެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ފެރީން ގުޅުވާލެވުނީ ކަމަށެވެ.
އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އެ ހިދުމަތް ބޭނުންކުރުމަށް ޓިކެޓް ނެގޭނެ އެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެށުމާ އެކު އެ ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު 11 އަށް އެރީ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ.