ފީފާގެ ހުއްދަ ނެތި ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރި ހެދި މައްސަލަ ބަލަނީ!
ފީފާގެ ހުއްދަ ނެތި ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރި ހެދި މައްސަލަ ބަލަނީ!

ފީފާގެ ހަރަދުގައި މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ހަދަން ފެށި އެރީނާ ޕްރޮޖެކްޓްގައި ފީފާ އަށް ނާންގައި ގުދަން ބަރި ހެދި މައްސަލަ ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި ބަލަން ފޮނުވައިފި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ސްޕޯޓްސް މިނިސްޓްރީ، އެ އެސޯސިއޭޝަނަށް އެ ބިން 50 އަހަރުގެ މުއްދަތަކަށް ދިނީ ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓެއް ހިންގުމަށެވެ.

އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށްދިޔަ މަރުހަލާގައި ފީފާގެ ހުއްދަ ނުހޯދައި، އެފްއޭއެމުން ވަނީ ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރިތަކެއް ހަދައި ކުއްޔަށް ދީފަ އެވެ. އެ މައްސަލަ ފީފާގެ ސަމާލުކަމަށް ވެސް ކުރިން އޮތީ އައިސްފަ އެވެ.

އެ މައްސަލައާ ގުޅިގެން، އެފްއޭއެމްގެ އެކްސްކޯއިން މިއަދު ނިންމީ އެ މައްސަލަ، އެ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީ އަށް ފޮނުވުމަށެވެ.

އެ ބިމުން އެކި ބައިތައް ވިޔާފާރީގެ ގޮތުގައި ކުއްޔަށް ދިނީ އެފްއޭއެމްގެ އެކްސްކޯއިން ފާސްނުކޮށް ކަމަށް ވެސް އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެހެންވެ އެ ދެ މައްސަލަ ވެސް ވަކި ދެ ކަމެއްގެ ގޮތުގައި ބަލަން ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވަން އެކްސްކޯއިން ނިންމީ، ކަމަށް އެފްއޭއެމުން ބުންޏެވެ.

- ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ކުރެހުމަށް ފީފާގެ ހުއްދަނެތި އަދި އެ އިދާރާ އަށް އެންގުމެއްވެސް ނެތި ބަދަލުގެނެސް ގުދަންތަކެއް ހެދި މައްސަލަ

- އެފްއޭއެމްގެ އެކްސްކޯގެ އެއްވެސް ނިންމުމެއް ނެތި ގުދަންތައް ހެދުމަށާއި އެކި ބޭނުންތަކަށް އެ ބިމުގެ އެކި ބައިތަށް ކުއްޔަށް ދިން މައްސަލަ