24 ސެޕްޓެމްބަރ 2025 - 18:59

ތ. ވަންދުއަށް އެ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަކޮޅަސް 20 އަހަރު ދުވަހަށް ދީ މިއަދ އެ ރަށު ކައުންސިލާ ރަށް ހަވާލުކުރައްވައިފި އެވެ.
ރައީސް ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދުގެ ތިން ވަނަ ރަށަކަށް ވަންދުއަށް ވަޑައިގެން ކައުންސިލާ އެ ރަށް ހަވާލުކޮށްދެއްވީ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. ރަށް ހަވާލުކުރުމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ ރަށު ކައުންސިލް ރައީސް ޝިޔާޒް އިބްރާހިމެވެ.
ކަކޮޅަސް އަކީ ވަންދުއާ މޭލެއްހާ ދުރުގައި އޮންނަ، ގަސް ބޯ ރަށެކެވެ.
އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަށް އެ ރަށުން ތަރައްގީ ހޯދައިދީ އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.
މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރަށުން މަންފާ ހޯދޭނެ ގޮތް ކައުންސިލަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިތުރު ލުއިތައް އަދި ހެޔޮ ބަދަލުތައް އެއްބަސްވުމަށް ގެންނާނަން. އަދި އެރަށުން ކައުންސިލަށް އިތުރު ފައިދާތައް ހޯދޭނެ ގޮތްތައް އޮތްތޯ ބަލައި، އެކަމަށް ފަހިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވާ މަސައްކަތަކީ ބަނދަރުގެ މައްސަލަ ހައްލުވުން ކަމަށެވެ. މިއަދު ބަނދަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އެއްބަސްވުމާ އެކު ބަނދަރުގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށެވެ.
ބަނދަރުގެ މަސައްކަތާ އެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ހިމެނޭތީ، އެމައްސަލައަށް ވެސް އަވަސް ހައްލެއްލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ޝިޔާޒް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ރަށަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ކަކޮޅަސް ވަންދުއަށް 20 އަހަރަށް ލިބުމެވެ. ކައުންސިލްގެ މައިގަނޑު އެއް ބޭނުމަކީ ކަކޮޅަހުން ލިބޭ އާމްދަނީ ވަންދޫގެ ތަރައްގީއަށް ހަރަދުކުރުން ކަމަށެވެ.
"ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ކަކޮޅަހުން ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދުމާއި ... ކަކޮޅަހުގައި ވަޒީފާތަކެއް އުފެއްދުން،" ޝިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަކޮޅަހަކީ ޒަމާނުންސުރެ ދަނޑުވެރިކަމަށް ދޫކުރަމުން އައި ރަށެއް ކަމަށާއި އެހެންވެ ކައުންސިލުން ވެސް ދަނޑުވެރިކަމަށާއި ޖަނަވާރު ގެންގުޅުން ފަދަ ކަންކަމަށް ރަށް ބޭނުންކުރާނެ ކަމަށެވެ. ރަށް ހަވާލުކުރުމުގެ އެއްބަސްވުން އޮތް ގޮތުން ރަށުގެ އެއް ބައި އެހެން ބަޔަކަށް ދޫކުރެވޭ ކަމަށެވެ.