ހޫތީން ވަނީ ޔަމަންގައި ގަތުލުއާންމު ހިންގާފައި: ރިޕޯޓް
ހޫތީން ވަނީ ޔަމަންގައި ގަތުލުއާންމު ހިންގާފައި: ރިޕޯޓް

ޖިއްދާ - ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވަނީ ޔަމަންގެ އެކި ހިސާބުތަކުގައި ގަތުލުއާންމުތައް ހިންގާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔަމަންގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިދިކޮޅު ހަނގުރާމަވެރިން ވަނީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގައިފަ އެވެ. އެ ގޮތުން، އާންމުން ދިރިއުޅޭ ތަނެއްތޯ ސިފައިން އުޅޭ ތަނެއްތޯ ބެލުމެއް ނެތި، އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި މީހުން ގިނައިން ޖަމާވާ ބާޒާރުތަކަށް ހަމަލާ ދީފައިވެ އެވެ. އެ ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ ކަޓްޔޫޝާ ރޮކެޓާއި އާޓިލަރީ ހަތިޔާރު ކަމަށް ވެސް އެ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހޫތީ ހަނގުރާމަވެރިން ގަތުލުއާންމު ހިންގާފައިވާ 11 ހާދިސާއެއް ވަނީ ފާހަގަ ކުރެވިފަ އެވެ. އޭގެ ތެރޭގައި ތަވާހީ އަވަށް ދޫކޮށް ކުދި ބޮއްކުރާތަކުގައި ފިލައިގެން ދިޔަ އާންމުންނަށް ހޫތީން ހަމަލާދީ އެ މީހުން މަރާލާފައިވެ އެވެ.

ހޫތީން ހިންގި ގަތުލުއާންމުތަކުގައި ޔަމަންގެ އާންމުންގެ 10،811 މީހަކު މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 679 އަންހެނުންނާއި 1،002 ކުޑަކުދިންނާއި 9،160 ފިރިހެނުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހޫތީންގެ ގަތުލުއާންމުތަކުގައި އެންމެ ގިނަ މީހުން މަރާލާފައިވަނީ ޔަމަންގެ މެދުތެރޭގެ ރަށްތަކަށާއި ދެކުނުގެ ރަށްތަކަށް އެމީހުން ބާރު ފަތުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު ހޫތީން ވަނީ އެ ސަރަހައްދުތަކުގެ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ވެސް ގަސްދުގައި ހަމަލާ ދީފަ އެވެ.

ޔަމަންގެ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ބެހޭ ގޮތުން ނެރުނު މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާ އާއި އެ ގައުމާ ގުޅިފައިވާ ކޯލިޝަންގެ ލަޝްކަރުން ދިން ހަމަލާތަކުގައި އާންމުންގެ އެއްވެސް ތަނަކަށް ނުވަތަ ގިނައިން މީހުން ޖަމާވާ ތަންތަނަށް ހަމަލާ ދީފައެއް ނުވެ އެވެ.

އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ހަތިޔާރު ރައްކާކޮށް ހަނގުރާމަވެރިން ވެސް ދިރިއުޅެމުންދާ ކަން އެނގި ހުރެ ވެސް، ސައޫދީ އަރަބިއްޔާ އިން އެއިން ތަނަކަށް ހަމަލާ ދީފައިނުވަނީ އާންމުންނަށް ގެއްލުމެއް ނުދިނުމުގެ ގޮތުން ކަމަށް އެ ރިޕޯޓްގައިވެ އެވެ.