24 ސެޕްޓެމްބަރ 2025 - 14:18

ގައުމީ އެއާލައިން، މޯލްޑިވިއަނުން އަޒަރްބައިޖާން އެއާލައިނާ އެކު ހާއްސަ އިންޓަނައިލް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއްބަސްވުމާ އެކު އަޒަރްބައިޖާން އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތައް ކުރުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށެވެ.
އެ ސްޓްރެޓެޖިކް އެއްބަސްވުމުގެ ދަށުން އަޒަރްބައިޖާނާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަން އިން ދަތުރުތައް ކުރާ ރާއްޖޭގެ 17 މަންޒިލަކަށް މާގިނަ ވަގުތު މަޑުނުކޮށް، ޝެޑިއުލްގެ ތެރެއިން ޑޮމެސްޓިކް ދަތުރުތައް ކުރަން އިތުރަށް ލުއިވާނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެއާލައިންތަކާ އެކު ހެދޭ މިފަދަ އެއްބަސްވުންތަކުގެ ތެރެއިން، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދަތުރުފަތުރު ކުރަން މިހާރަށް ވުރެ ފަސޭހަވާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ޑޮމެސްޓިކް އޮޕަރޭޝަނާއި އަޒަރްބައިޖާނުގެ އެއާލައިން ގުޅާލުމުން ހިދުމަތްތައް އިތުރަށް ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފައިވާ ކަމަށެވެ.
މީގެކުރިން ވެސް މޯލްޑިވިއަނުން ވަނީ ބޭރުގެ އެއާލައިންތަކާ ގުޅިގެން އިންޓަލައިން އެގްރީމެންޓްތައް ހަދައިފަ އެވެ. އެގޮތުން އެމިރޭޓްސްއާ އެކު ވެސް އެފަދަ އެގްރީމެންޓެއްގެ ދަށުން ދަތުރުވެރިންނަށް އަންނަނީ ހިދުމަތް ދެމުންނެވެ.