24 ސެޕްޓެމްބަރ 2025 - 16:28

ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރި ކުންފުނިން އެ މަޝްރޫއުުގެ 96 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް ބުނެ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަމަށް ގެންނަވައިފި އެވެ.

ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކަނޑޫދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ވ. މ އަދި ފ. އަށް މި ބުރުގައި ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ.

މަޝްރޫއުތަކާ ގުޅޭ ގޮތުން ކުންފުނިތަކުން ސަރުކާރަށް އޮޅުވާލާފައިވާ އެނގިވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައިވާ މައުލޫމާތާއި ކޮށްފައި ހުރި މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.
އެ މަޝްރޫއުގެ ފުރިހަމަ ތަފްސީލު އެ ކުންފުނިން ސަރުކާރަށް ދީފައި ނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
"ސަރުކާރުގެ ކަމާ ބެހޭ ވުޒާރާ އަށް ވެސް އަދި ރައީސް އޮފީހަށް ވެސް މައުލޫމާތު ލިބިފައި އޮތީ އެ މަޝްރޫއުގެ 96 ޕަސެންޓު މަސައްކަތް މިނިފައިވާ ކަމަށް. އެހެންވެ އަޅުގަނޑުމެން ބެލީ އެ މީހުން ލައްވާ މަސައްކަތް ނިންމާފައި އެ ގޮތަށް ކޮމިޝަން ކުރަން. މިއަދު [ކަނޑޫދު އަށް] އައީމާ އެނގިގެން ހިނގައްޖެ ވަރަށް ބޮޑުތަނުން އަދި އެ އަށް ވުރެ ވަރަށް ފަހަތުގައިކަން އުޅެނީ،" ކަންބޮޑުވުމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވަރަށް ސީރިއަސްކޮށް އެ މައްސަލަ ބައްލަވައި ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
"...ޓާމިނޭޓް ކުރަންޏާ ކޮށްފައި ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން. ޓާމިނޭޓްކޮށް އާ ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ އަޅުގަނޑުމެން އިސްކަން ދެނީ އެ ބަޔަކު ލައްވާ މަސައްކަތް ނިންމޭތޯ. މި ރަށުގެ ސިއްހީ މަރުކަޒަށް ވެސް ވީ އެ ގޮތަށް."
ކަނޑޫދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އަލުން ފަށައި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މިއަދު ދެއްވި އެވެ.
އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ސަަބަބު ހާމަކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެ އެވެ. އެކަމަކު، ވިދާޅުވީ ސަރުކާރު ބަދަލުވުމުން އެ މަސައްކަތް މަޑުޖެހި، މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓުމުގައި އޮތީ ފައިސާގެ ދަތިކަން ނޫން ކަމަށެވެ.
އޭގެ އިތުރުން ކަނޑޫދޫގެ ސިއްހީ މަރުކަޒުގެ މަޝްރޫއު ވެސް ހަވާލުކުރި ކުންފުންޏަށް ފުރުސަތު ދީގެން ނަމަވެސް ވީހާވެ ސް އަވަހަކަށް ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެޅުމަށް ބޭނުންވާ ފައިސާ ކުންފުނިތަކަށް އެއްކޮށް ދޫކޮށްފައިވާއިރު، ބައެއް ރަށްރަށުގައި މަސައްކަތަށް ވުރެ އިތުރަށް ވެސް ފައިސާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.