24 ސެޕްޓެމްބަރ 2025 - 13:47

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރައްވާނެ ފަނޑިޔާރަކު މާދަމާ ކަނޑައަޅައި މަގާމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތާވަލްކޮށްފި އެވެ.
އެ ކޯޓުގެ ބެންޗުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ. އެއީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެވެ.
ނަމަވެސް އޭނާއާ އެކު ދެން ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު ނަން އަނބުރާ ގެންދެވެމުން އިތުރު ބޭފުޅަކު ހޯދަން އަލުން އިއުލާންކުރި އެވެ.
ޝަހީދުގެ ނަން އަނބުރާ ގެންދެވީ ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވައި އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވުން އަދި މަގާމަށް ކުރިމަތިލެއްވި އިރު ވެސް ޕީއެންސީ މެންބަރުންގެ ދަފްތަރުގައި އޮތް ބޭފުޅަކަށް ވުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހުގަ އެވެ.
ޝަހީދުގެ ބަދަލުގައި ފަނޑިޔާރުކަމަށް އައްޔަންކުރާނެ ބޭފުޅަކު ހޯދުމަށް މިދިޔަ މަހު އަލުން އިއުލާންކުރުމުން 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނު ހިމެނިވަޑައިގަންނަވަ އެވެ.
ޖޭއެސްސީން ބުނީ އައްޔަންކުރާނެ ފަނޑިޔާރަކު ކަނޑައެޅުމަށް ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށެވެ. އެއަށް ފަހު، ފަނޑިޔާރު ހުވާކުރަން ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.