ޕްރޮޖެކްޓަކަށް ކަނޑައެޅި ބަޖެޓުގެ 70 ޕަސެންޓު ބޭނުމެއް ނުކުރޭ
ޕްރޮޖެކްޓަކަށް ކަނޑައެޅި ބަޖެޓުގެ 70 ޕަސެންޓު ބޭނުމެއް ނުކުރޭ

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 70 ޕަސެންޓު ބޭނުން ނުކުރާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މި ސެޕްޓެމްބަރު މަހުގެ 18 އާ ހަމައަށް މަޝްރޫއުތަކަށް ހޭދަކުރީ 3.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު، މި އަހަރުގެ ބަޖެޓުގައި ޕްރޮޖެކްޓުތަކަށް 13 ބިލިއަން ރުފިޔާ ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ.

އެހެންވެ، މިހާތަނަށް ހަރަދު ކުރެވުނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ ގާތްގަނޑަކަށް 27 ޕަސެންޓެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނެނީ ޕީއެސްއައިޕީ މަޝްރޫއުތަކާއި ލޯނުތައް މެދުވެރިކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަތަކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޕްރޮޖެކްޓުތަކަށް 8.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އަހަރުގެ ބާކީ ގާތްގަނޑަކަށް ތިން މަސް އޮތް އިރު، ޕްރޮޖެކްޓުތަކަށް ހޭދަކުރި 3.5 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ހޭދަކޮށްފައިވަނީ މަގު ހެދުމާއި އެއާޕޯޓު އެޅުމުގެ މަޝްރޫއުތަކަށެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައި އަހަރު ދުވަހު ހިންގަން ކަނޑައަޅާފައިވާ ވަކިވަކި ޕްރޮޖެކްޓުތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ކެޕިޓަލް ހަރަދުތައް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓުގެ ގާތްގަނޑަކަށް 35 ޕަސެންޓަކީ ޕްރޮޖެކްޓުތަކަށް ހަމަޖައްސާފައިވާ ހަރަދެވެ.

މި އަހަރުގެ މިހާތަނަށް ބަޖެޓުން 34 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު ހޭދަކޮށްފައިވަނީ އޮފީސްތައް ހިންގުމާއި މުވައްޒަފުންގެ މުސާރަ ދިނުމަށެވެ.

މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.