24 ސެޕްޓެމްބަރ 2025 - 13:37

އެސްޓީއޯ އިން ދާއިމީކޮށް އެތެރެކުރާ 10 ބާވަތުގެ މޭވާގެ ތެރޭގައި މިރުސް ހިމަނާފައިވީ ނަމަވެސް އެކަން ކުރާނީ ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިރުސް ހެއްދުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަނޑޫދު އަށް އެ މަނިކުފާނު މިއަދު ވަޑައިގެން ވިދާޅުވީ، ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ދާއިމީކޮށް މިރުސް އެތެރެ ކުރިޔަސް އެ ރަށުގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ވަރަށް ޔަގީންކަން ދެން. ތިބޭފުޅުންގެ ވިޔަފާރި އަށް ގެއްލުމެއް ނުވާ ގޮތަށް އެ ކަން ކުރާނީ. އެސްޓީއޯ އިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ހަމަ ރަނގަޅު ގޮތަށް މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައި، ތިބޭފުޅުންނަށް އޭގެ އެެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެސް ދަނޑުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމެވެ. އެހެންވެ، ކަނޑޫދޫގެ ދަނޑުވެރިންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ފަސޭހައިން ގަސްތައް ހެއްދޭނެ ގޮތެއް ސަރުކާރުން އެ ދަނޑުވެރިންނަށް ފަހިކޮށްދޭނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތައް އެ ރަށަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މޭވާގެ ބާވަތްތައް:
1- ދޮންކެޔޮ
2- އާފަލު
3- އޮރެންޖު
4- ލުނބޯ
5- ޖުމްހޫރީމޭވާ
6- އަނބު
7- ފަޅޯ
8- ކަރާ
9- މިރުސް
10- މޭބިސްކަދުރު
ތަރުކާރީ:
1- ފިޔާ (ރަތް)
2- އިނގުރު
3- ކެރެޓް
4- ބަށި
5- ކައްޓަލަ
6- ލޮނުމެދު
7- އަލުވި
8- ކެބެޖު
9- ބަރަބޯ
10- ބޯވެލި
އިތުރު ބާވަތްތައް:
1- މުގު (ރީނދޫ)
2- ކުކުޅު ބިސް
3- ކާށި
އާބާދީގައި 500 ހަމަ ނުވިޔަސް ކަނޑޫދޫގެ ރައްޔިތުންގެ 95 ޕަސެންޓެއްހާ މީހުން މިރުސް ހެއްދުމުގެ މަސައްކަތުގައި އުޅޭތީ ދަނޑުތައް ގިނަވެފައި ސަޕްލައި މައްޗެވެ. އެ އެންމެން ހައްދާ ހުރިހާ މިރުހެއް އެއްފަހަރާ އެއް ވަގުތެއްގައި އެއް ތަނަކަށް ގެންގޮސް ވިއްކަން ޖެހުނަސް ކަނޑޫދޫ މިރުހުގެ އަގު އަބަދުވެސް ބޮޑެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެސްޓީއޯ އިން ދާއިމީކޮށް 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ކުކުޅު ބިހާއި ކާށި އެތެރެކުރަން ފެށުމުން އަންނަ މަހުގެ 15 އިން ފެށިގެން އެ ބާވަތްތަކުގެ އަގު ބާޒާރުގައި ހެޔޮވާނެ ކަމަށެވެ.