24 ސެޕްޓެމްބަރ 2025 - 11:56

ހުޅުމާލޭގައި އެކްސިޑެންޓްތައް މަދުކޮށް މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ސްޕީޑް ބަމްޕްތައް ހަރުކުރަން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ސްޕީޑް ބަމްޕް ހަރުކުރަނީ ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
އެ މަސައްކަތުގައި ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި މިހާރު ސްޕީޑް ބަމްޕް ހަރުކުރަމުން އަންނަނީ ހުޅުމާލޭ ދޭއްގެ ނިރޮޅުމަގު ސަރަހައްދުގަ އެވެ.
ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓު މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށް ފަހު، ބައެެއް ސަރަހައްދުތަކުގައި ރައުންޑެބައުޓްސް ގާއިމުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.
އެޗްޑީސީން ބުނީ މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕްތައް ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ވެހިކަލްތަކާއި މަގުތައް ބޭނުންކުރާ މީހުންނަށް ވެސް އަމާންކަމާއި ރައްކާތެރިކަން އިހުސާސްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.