ޓްރަމްޕަށް ނޮބެލްގެ އިނާމު ލިބޭނީ ޣައްޒާގެ ހަމަލާތައް ހުއްޓުވުމުން: މެކްރޮން
ޓްރަމްޕަށް ނޮބެލްގެ އިނާމު ލިބޭނީ ޣައްޒާގެ ހަމަލާތައް ހުއްޓުވުމުން: މެކްރޮން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮބެލްގެ ސުލްހައިގެ އިނާމު ލިބޭނީ އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުން ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އިއްޔެ ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބީއެފްއެމްޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ ޣައްޒާގެ ހާލަތާ މެދު ކަމެއް ކުރެއްވޭނެ ހުންނެވީ އެންމެ ބޭފުޅެއް ކަމަށާއި އެއީ އެމެރިކާގެ ރައީސް ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ، އެމެރިކާގެ ރައީސަކު މިއަދު ހެނދުނު [އަންގާރަ ދުވަހު] ޖެނެރަލް އެސެމްބްލީގައި ވިދާޅުވަނިކޮށް، "ބޭނުންވަނީ ސުލްހަ ކަމަށް، މައްސަލަ ހައްލުކުރާނެ ކަމަށް. އެ ބޭފުޅާ ނޯބެލްގެ ސުލްހަ އިނާމު ވެސް ބޭނުންވޭ. އެ އިނާމު ލިބޭނީ މައްސަލައަށް ހައްލު ހޯދައިދިނުމުން،" މެކްރޮން ވިދާޅުވި އެވެ.

"[ޓްރަމްޕު] އިޒްރޭލު ސަރުކާރަށް ޕްރެޝަރުކޮށްފި ނަމަ ހަމަލާތައް ހުއްޓޭނެ. ޣައްޒާގެ މައްސަލަ ހައްލުވާނެ. އަދި ނަތީޖާއަކަށް ވާނީ [ހަމާސް އިން] އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ އިޒްރޭލު މީހުން ވެސް މިނިވަންވުން،" އޭނާ ވިދާޅުވި އެވެ.

އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް އިއުލާނުކުރާ ގައުމުތަކުގެ ތެރެއިން ނަގާކިޔާ ފްރާންސްގެ ރައީސް ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރި ނަމަވެސް މައްސަލަތަކަށް ހައްލެއް ގެނެވެން އޮތީ އިޒްރޭލަށް ޕްރެޝަރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ އެމެރިކާއަށް ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ބުނަމުންދަނީ ފަލަސްތީނުގެ ދައުލަތް ގައުމުތަކުން ބަލައިގަތުމަކީ އިޒްރޭލަށް ހަމާސް އިން ދިން ހަމަލާއަށް އިނާމު ދިނުން ކަމަށެވެ. ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނީ ހުރިހާ ގައުމަކުން މަޝްވަރާކޮށްގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރާ ނަމަ އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް އިތުރަށް ހިފައި ޔަހޫދީން އާބާދުކުރުން އިތުރުކުރާނެ ކަމުގެ އިންޒާރު ވެސް އިޒްރޭލުން ދީފައިވެ އެވެ.

"އަޅުގަނޑުމެންނަށް ވުރެ ގިނަ މަސައްކަތް މި ކަމުގައި [އެމެރިކާގެ ރައީސް] އަށް ކުރެވެން ކުރެވޭނީ ކީއްވެ؟ އެއީ ޣައްޒާގެ ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ހަތިޔާރު ސަޕްލައިކުރަނީ އަޅުގަނޑުމެންނެއް ނޫން،" މެކްރޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ހަގީގީ ދައުލަތެއް ގާއިމުވާނީ އިޒްރޭލުން ވެސް އެކަން ބަލައިގަތް ދުވަހަކުން ކަމަށެވެ. -- އޭއެފްޕީ