24 ސެޕްޓެމްބަރ 2025 - 10:01

އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުގައި ރޭ ދެ ވަނަ ޑިވިޝަނުގެ ސައުތުހެމްޓަން އަތުން 2-1 އިން ލިވަޕޫލް މޮޅުވިއިރު، ޗެލްސީން ހަމަ އެ ނަތީޖާ އިން ތިން ވަނަ ޑިވިޝަނުގެ ލިންކަން ސިޓީ އަތުން މޮޅުވެއްޖެ އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ރޭ ނެރުނީ އާދައިގެ ޓީމެކެވެ. އެކަމަކު 169 މިލިއަން ޑޮލަރަށް ސޮއިކުރުވި ސްވިޑަން ފޯވާޑް އެލެކްސެންޑާ އިސާކް އަށް ފުރަތަމަ އެގާރައިން ކޯޗު އާންސް ސްލޮޓް ފުރުސަތު ދިނެވެ.
ލިވަޕޫލުގެ ފުރަތަމަ ގޯލް 43 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އޭނާ އެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ޝެއާ ޗާލްސް އެއްވަރުކުރި އެވެ. ލިވަޕޫލް މޮޅުވީ 85 ވަނަ މިނެޓުގައި ހޫގޯ އެކިޓިކޭ ޖެހި ލަނޑުންނެވެ. ކުރިން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ޖާޒީ ބޭލުމުން ދެ ވަނަ ކާޑާ އެކު، ރެފްރީ ވަނީ އެކިޓިކޭ ދަނޑުން ފޮނުވާލައިފަ އެވެ.
ލިވަޕޫލުގެ ކޯޗު އާންސް ސްލޮޓް ބުނީ، ކުޅުން އެހާ ރަނގަޅު ނޫން ކަމަށާއި، އެކަމަކު އާ ޓީމެއް އެރުވުމުން އެއީ ވެދާނެ ކަމެއް ކަމަށެވެ.
ލިވަޕޫލުން ދާދި ފަހުން ބޮޑު އަގުގައި ގަތް އިޓަލީގެ ޒުވާން ފޯވާޑް މާކޯ ލެއޯނީ ވަނީ މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ކަކުލަށް ލިބުނީ ސީރިއަސް އަނިޔާއެކެވެ.
ރޭ ޗެލްސީ އަށް ލިންކަން އަށް މޮޅުވެވުނީ ވަރަށް އުދަނގުލުންނެވެ. ޗެލްސީން ވެސް ބަދަލުތަކާ އެކު ނެރުނު ޓީމު ކޮޅަށް ލިންކަން އިން 42 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. ޗެލްސީ ސަލާމަތްވީ 48 ވަނަ މިނެޓުގައި ޔޫސުފް ޖޯޖް އަދި، 50 ވަނަ މިނެޓުގައި ފަކުންޑޯ ބޫނަނޮޓޭ ޖެހި ގޯލުތަކުންނެވެ.