ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

އުދުހިގަންނަމުން ހޭރިގަތެވެ. އެއީ ކާމިޔާބު އިއުލާނު ކުރުމެއް ނޫނެވެ. އުފާވެރިކަން ފާޅުކުރުމެއް ވެސް ނޫނެވެ. ބަތޫރު ބުނި ގޮތް އަންޖަލް ނުހެދުމުން ބޭރުކޮށްލި ނަފުރަތުގެ އުދާހެކެވެ. ރަށުގައި ތިބި އެންމެނަށް އެ އަޑުއިވުނެވެ. އެކަކަށް ވެސް އެއީ ކޯޗެއްގެ އަޑު ކަމެއް ނޭނގެއެވެ. އެ އަޑު އެހެން އެއްވެސް އަޑަކާ ވައްތަރެއް ނޫނެވެ. ބޯ ވާރެ އާއި ގުގުރައިވިދުމުގެ ތެރޭގައި ކޮންމެ އަޑެއް ކޮންމެ ގޮތަކަށް ވެސް އިވިދާނެއެވެ. އެންމެން ވެސް ވިސްނީ އެހެންނެވެ.

"އެ ކުއްޖާގަނޑު ކީއްވެތަ ގެއަށް ނާންނަނީ؟" ވާރޭވެހޭ ތަން ބަލަން ދޮރުމަތީގައި ހުރި ރުގިއްޔާ ބުންޏެވެ.

"އަޅެ ފޯނު އޮންނާނެ ވިއްޔަ! ބުނެލާފަ އެ ކުރާ ކަމެއް ކުރާ ނަމަ.."

"އަންނާނެ އިރުކޮޅަކުން." ނިޒާރު ބުންޏެވެ.

ހަގީގަތުގައި ނިޒާރުގެ ހިތުގައި އޮތީ އެހެނެއް ނޫނެވެ. ވާނުވާ ނޭނގި އިންސާނުން ގެއްލޭ ތަން އެތައް ފަހަރަކު ނިޒާރަށް ފެނިއްޖެއެވެ. ދުރު ބައެއް ނޫނެވެ. ދަރިފުޅާއި ކާފަދަރިއެވެ. ދުރުހިލޭ މީހަކު ނުގެއްލެންވީ ކީއްވެ ހެއްޔެވެ؟ އިންސީންނާއި ޖިންނީން އެއްތަނެއްގައި އުޅެން ޖެހުމުން އެ ކަހަލަ އެތައް ކަމެއް ހިނގާނެއެވެ. ރައްކާތެރިވާން ކިޔަންޖެހޭ އެއްޗެއް ނޭނގޭ ތަނުގައި، ގިނައީ ރައްކާތެރިވެވޭކަން ވެސް ނޭނގޭ މީހުންނެވެ. ނުފެންނަ ބަޔަކު އުޅޭކަން ގަބޫލު ނުކުރާ މީހުންނެވެ.

ރަށުގައި ހުރި އެންމެ އުސް ގަހުގެ، ފަތްތައް އެންމެ ބޯ ދިމާގައި ހަދައިފައިހުރި ހާއްޔެއް ކަހަލަ ތަނެއްގައި ރާއިފު އޮތެވެ. އޭނަ ހެޔެއް ނާރައެވެ. ނުވެސް އަރާނެއެވެ. ފުން ނިދިން ރާއިފު ހޭލާނީ ބަތޫރު ބޭނުންވީމައެވެ. ހޭލެވުނަސް، އެ ގަހުން ތިރިޔަށް ފޭބުމަކީ ރާއިފަށް ކުރެވޭނެ ކަމެއް ނޫނެވެ. ވާރޭ ތުނިކުރަން ފެށިއެވެ. މާހައުލު ހަމަހިމޭންވާން ފެށިއެވެ. ވިދިޔަސް ގުގުރާ އަޑެއް ނީވެއެވެ.

"ރާއިފު!" ދުރުދުރުން އަޑެއް އިވުނެވެ.

ބަތޫރު ތިރިއަށް ބަލައިލިއެވެ. ރާއިފު ހޯދަން ނުކުތް ހަތަރު މީހުން، ހިނިތަކެއްހެން ބަތޫރަށް ފެނުނެވެ. އަނދިރިއަކީ ބަތޫރަށް ހުރަހެއް ނޫނެވެ. އޭގެ މާނައަކީ، ބޭނުން ކޮންމެ ކަމެއް ބަތޫރަށް ކުރެވޭނެއެކޭ ނޫނެވެ. ހަތަރު މީހުންގެ ތެރެއިން އެކަކުގެ ބަދަލުގައި ބަތޫރަށް ފެންނަނީ ފުސް އަލިކޮޅެކެވެ. އެއީ ނިޒާރެވެ. އަންޖަލްގެ ކާފައެވެ. އެ ވަގުތަކު ނިޒާރު ގަޔަކު ބަތޫރަކަށް އަތެއް ނުލެވޭނެއެވެ. ދެން ތިބި ތިން މީހުންނަށް ކޮންމެ ފަދަ ގޮތެއް ވެސް ހެދިދާނެއެވެ. ބަތޫރު ހިތަށްއެރިއެވެ. އިންސާނުންނަކީ ކިހިނެއް ވިސްނާ ބައެއް ހެއްޔެވެ؟ އެހައި ބޮޑު ބާރެއް ދެއްވާފައިވާ އިރު އޭގެ ބޭނުން ހިފަން އެނގެނީ މަދު މީހަކަށެވެ. ބަތޫރަށް ރަނގަޅީ އެ ކަން އެހެން އޮތިއްޔާއެވެ.

"ދަރިފުޅު ދުރަށް ނުދައްޗޭ!" ގޭތެރޭގައި ހުރި މުހުސިނާ ބުންޏެވެ.

އަންޖަލް ހުރީ ގޭގެ ދޮރުމަތީގައެވެ. ކުރިމަތީގައި އޮތީ އަތިރިމައްޗަށް ފައިބަން އޮންނަ ހަނި މަގެކެވެ. ދެ ފަރާތުގައި އަނދިރި ވަލެވެ. އަންޖަލް ބޭނުންވަނީ ކުއްލިއަކަށް ރާއިފު ވަލުން ނުކުންނާށެވެ.

"ނުދާނަމޭ މާމާ!" އަންޖަލް ޖަވާބުދިނެވެ.

ޝާފިޔާ އޮތީ ނިދައިފައެވެ. ދިމްނާ މަޑުމަޑުން ހިނގާފައި އައިސް އަންޖަލް ގާތުގައި ހުއްޓުނެވެ.

"އަހަރެން ލޯބިވާ އެންމެން ގެއްލެނީ ކީއްވެ؟" ވިސްނާނުލައި އަންޖަލްއަށް ބުނެވުނެވެ.

"އޭނ؟" ދިމްނާއަށް ބުނެވުނެވެ. "ކީކޭ ތި ބުނީ؟"

އެ ވަގުތު ދިމްނާއަށް މާމަ ގޮވައިލުމުން ދިމްނާ ދިޔައެވެ.

"ބުނާ ގޮތް ނަހަދާތީ!" ބަތޫރުގެ އަޑުއިވުނެވެ. "އަސްލު ނުޖެހޭ މިހެން ވާކަށް."

ވެގެން އުޅޭ ގޮތް އަންޖަލްއަށް ވިސްނުނީ ދެނެވެ. އެ ވަގުތު ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. އަންޖަލްއަށް އެނގެއެވެ. ބަތޫރު ނުދައްކާހައި ހިނދަކު ދެނެއް ރާއިފެއް ނުފެންނާނެއެވެ.

"އަހަންނަށް ތިހެން މަޖުބޫރެއް ނުކުރެވޭނެ." އަންޖަލް ބުންޏެވެ.

"ކުރެވޭނެ. އަހަރެން ބުނާ ގޮތް ނަހަދަންޏާ މާމަޔާ ކާފަ ވެސް ގެއްލޭނެ،" ބަތޫރުގެ ރާގު ވަރަށް ހަރުކަށްޓެވެ.

"އަވަސްކުރޭ! އަހަރެން ނުބުނަމޭ މިހާރު އިންނާށެކޭ! ޖަދުވާންއާ ބައްދަލުކޮށްފަ ހަމަ އެކަނި ބުނެލަންވީ އިންނާނަމޭ! އެ ވަރު ކުޑަކުޑަ ކަމަކުން މި ކަން ހަމަޖެހޭނެ."

އަންޖަލް ހިތަށްއެރިއެވެ. ކައިވެނި ކޮށްގެން އެ މަޅީގައި އަންޖަލް ހައްޔަރު ވެއްޖެއްޔާ ރާއިފު ގެއްލޭނެއެވެ. މާމަ އާއި ކާފަ ވެސް ދެން ނުފެނިދާނެއެވެ. ބަތޫރުގެ ބަހަށް އެ ވަރުގެ ހިރާހެއް ނަގަން ހެޔޮނުވާނެއެވެ.

"ތި ބޭކާރު އެއްޗެހި ނުވިސްނަބަލަ!" ބަތޫރު ބުންޏެވެ. "ވަގުތެއް ނެތް."

ރާއިފު ހޯދަން ދިޔަ މީހުންނަށް ފެނުނީ ރާއިފުގެ ފައިވާނެވެ. އެ ހިސާބުން ރާއިފުގެ މަންމަ ރޯން ފެށިއެވެ. އިރު އެރުމުން ރާއިފު ފެންނާނެ ކަމުގެ ޔަގީންކަން ނިޒާރު ދިނެވެ. އެހެނަސް، ބާރު އޮތީ ހަމަ އެކަނި އަންޖަލް އަތުގައިކަން އަންޖަލްއަށް އެނގެއެވެ. ލޯތްބަށް ޓަކައި އަންޖަލް ޖެހޭނީ ލޯބި ގުރުބާން ކުރާށެވެ.

އިރު އެރިއެވެ. ސައި ވެސް ނުބޮއި ރާއިފު ހޯދަން މީހުން ނުކުތެވެ. އެކަކު ވެސް ބަނޑުހައިނުވާ ކަހަލައެވެ. ކޮއްކޮމެންނާ އެކުގައި އުނދޯލިހެއްލަން އުޅުނު އަންޖަލްއަށް ފެންނަނީ އެންމެ މަންޒަރެކެވެ. ރާއިފުގެ މަންމަ ރޯތަނެވެ. ކަރުނަ ފުހެދެވޭނީ ތިމާއަށް ކަން އެނގި ހުރެ ނޭނގޭ ކަމަށް ހަދަން އަންޖަލްއަކަށް ފަސޭހައެއް ނޫނެވެ.

"އަތީލާ!" އަންޖަލް ނިކަން ބާރަށް ގޮވައިލިއެވެ.

އެހެން މީހަކަށް އެ އަޑެއް ނީވެއެވެ. އަންޖަލް ހުރީ، އެހެން ކުދިންނާ ތަންކޮޅެއް ދުރަށްޖެހިލައި، މޫދަށް ބަލަހައްޓައިގެންނެވެ. ރާއިފު ހޯދުމަށް ޓަކައި، ރަށުގައި އެތަންމިތަނުގައި ފުލުހުން އޭރު އަތްފުނާއަޅަނީއެވެ. އެކަކަށް ވެސް ރާއިފު ނުފެންނާނެކަން އަންޖަލްއަށް އެނގެއެވެ. އަނެއްކޮޅުން ރުގިއްޔާ ބަލިވިއެވެ. ހަމަނުޖެހޭ އެއްޗެހި ކިޔަން ފެށިއެވެ. ނިޒާރު ބޭނުންވީ ރަށަށް ނުގޮސް މާލެދާށެވެ. ދަތުރު ނިމުނީއެވެ. އަންޖަލްމެން ބަލައި މާލެއިން ލާންޗެއް ފުރައިފިއެވެ. ދަތުރުގެ ނިމުން އެހައި ހިތިވެދާނެ ކަމަށް އަންޖަލް ހިޔެއް ނުކުރެއެވެ.

"ޔަގީން ކޮންމެވެސް ކަމެއްވެއްޖެ!" އަތީލާގެ އަޑުއިވުނެވެ.

"އަހަރެން ގެންދޭ ބައްޕަ ކައިރިއަށް،" އަންޖަލް އެދުނެވެ. "ހަމަ މިހާރު. މި ވަގުތު."

"މިހާރަކު ނުވާނެ،" އަތީލާ ބުންޏެވެ. "އެނގޭތަ މިއަދަކީ ކޮން ދުވަހެއްކަން؟ ވަރަށް ބޮޑު ރަސްމިއްޔާތެއް..."
"ހެވޭ ކޮންމެ ދުވަހަކަސް،" އަންޖަލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ހިނގާ!"

"ބައްޕަ ގާތުގަ އަހާލަންތަ؟" އަތީލާ އެހިއެވެ. "ދައްތަ ގޮވައިލިލެއް ބާރުކަމުން އަހަރެން މި އައީ ވެސް. އެހެން ނޫން ނަމަ..."

"އަތީލާ ބީރުތަ؟" އަންޖަލް ބުންޏެވެ. "އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ! އަހަރެން ގެންދާށޭ!"
"ނުބުނެ ދައްތަ ގެންގޮއްސިއްޔާ ބައްޕަ އަހަރެން މަރާނެ،" އަތީލާ ބުނި އަޑުއިވުނެވެ. "ނުގެންގޮއްސިއްޔާ ދައްތަ އަހަރެން މަރާނެ. ހިނގާހިނގާ! އެއް ފަހަރުތާ މަރުވާނީ."

އަންޖަލްއަށް ހީވީ ބިންގަނޑު ހެލިގަތް ހެންނެވެ. ކަންފަތްބައްވިހެންނެވެ. އުދަރެހުން އަލިގަނޑެއް އެރިހެން ވެސް ހީވިއެވެ. ދެން ފެންނަން ފެށީ މުޅީން އެހެން މަންޒަރެކެވެ. ކުރީން އަންޖަލްއަށް ދަސްވެފައި ނުވާ ތަނަކާއި ވަހަކާއި އަޑުތަކާއި ކުލަތަކެކެވެ. ހީވާ ކަހަލައެވެ. ހަގީގީ ދުނިޔެއިން ނުކުމެ ޖާދުވީ މަންޒިލަކަށް ވަދެވިއްޖެއެވެ. ކުރިން ކަންފަތްބައްވިހެން ހީވީ، އެ ތަނަށް ފެތުރިފައިވާ މަޑުމަޑު އެހެނަސް ބަރު އަޑުތަކެއްގެ ސަބަބުންނެވެ. އެއީ ތަނުގައިވާހައި ހުރިހައި ދިރުމެއް އެއްފަހަރާ، ޖަދުވާންގެ ޒައާމަތަށް، އަދަބު އިހުތިރާމާ އެކު ސަނާ ކިޔާ އަޑެވެ. ބޮޑެތި ބިޔަ އިފުރީތުތަކާއި ގަސްތަކުގައި ގަރާރުވެ ތިބި ދިރުންތަކާއި ލޮލަށް ނުފެންނަ ރޫހާނީ ކިޔާނުތަކެވެ. ވަކި ހަމައަކަށް، ވަކި ރާގަކަށް އެ ކިޔާ އެއްޗެއް ކިޔުމަށް ފަހު ދެ ފިޔަގަނޑު ޖަހައި އަޑު ހަމާކުރާ ވަގުތު ހީވަނީ ދުރުދުރުން ގުގުރާލާހެންނެވެ. ފުންނާބުން ބިމުގައި ޖަހައިލާ ގޮތަކުން އަންޖަލްގެ ގައިން ހީބިހިނަގައިގެންދެއެވެ. ތާޒާ ރަންރީނދޫ ވިނަގަނޑުގެ ވަހާއި، މާމެލާމެލީގެ ވަހުގެ ތެރެއަށް ހީވަނީ ބޮކަރާއި ފޮނިތޮށްޓާއި ގަނދަކޯޅި ވަސް އެކުވެފައިވާ ހެންނެވެ. ސިކުނޑިއަށް ވެރިވަނީ، ހޭވެރިކަން ނުގެއްލޭ މަސްތެކެވެ.

އަންޖަލް އެ ތަނަށް ވަނުމާ އެކު މުޅި ތަން ހަމަހިމޭންވިއެވެ. ރަސްމިއްޔާތު މެދުކެނޑުނެވެ. ހީވި ކަހަލައެވެ. ނުވާންވީ ކަމެއް ވެއްޖެއެވެ. ނާންނަންވީ މަހުލޫގަކު އަތުވެއްޖެއެވެ. ރޭވިފައިވާ ރޭވުން އޮޅުންބޮޅުންވެއްޖެއެވެ. ބޮޑު ތަހުތުގައި ދެ ލޯ މަރައިގެން އިން ބޮޑު ސިލަތުގެ ލޯ ހުޅުވައިލިއެވެ. ރުޅި އައިސްފައި ނަޒަރު ހިންގައިލިއެވެ. އަންޖަލް ފެނުމާ އެކު އެ މޫނަށް އުފާވެރިކަން ވެރިވިއެވެ. ރަސްމިއްޔާތު ކުރިޔަށް ގެންދިޔުމަށް އަމުރު ކުރިއެވެ. އެހެން ވެދާނެ ކަމަކަށް އަތީލާ ވެސް ހިއެއް ނުކުރެއެވެ. ޖަދުވާންގެ އިޝާރާތަށް އަންޖަލް ހިނގައިގަތެވެ. އަތީލާއަކަށް ނުކެރުނެވެ. ބިޔަ، ބޮޑެތި ކިޔާނުންގެ މެދުގައި ފަތުރާލައިފައިވާ، މަޑުފެއްސަކަށް ދާ ދޫލަ މަތީގައި އަންޖަލް ހީވަނީ ތިއްކެއް ހެންނެވެ. އެ ކަން ހައްލުކުރުމަށް ޓަކައި ޖަދުވާން ވެސް ކުޑަވިއެވެ. އެހެނަސް ސިފައަކަށް ބަދަލެއް ނުގެނެއެވެ. އޭނަ އަތުގައި އޮތް ބޮޑު މުގުރެއް ކަހަލަ އެތި ހަވާލުކުރީ، ކައިރީގައި ތިބި ހާދިމުންނާއެވެ.

"މަރުހަބާ ދަރިފުޅާ!" ބައްޕައަކާ އެއްވެސް ތަފާތެއް ނެތް އޯގާތެރި ރާގެއްގައި ޖަދުވާން ބުންޏެވެ. "ދަރިފުޅަށް ބާއްޖަވެރިކަން ހުރި. އަދުގެ ރަސްމިއްޔާތު އަދި ކިރިޔާ މި ފުރިހަމަވީ. ކޮން ފަދަ ބޮޑު އުފަލެއް. ބުނެ ވެސް ނުލާ ތިހެން އަންނާނީ ވަރަށް ބޮޑު ކަމެއް ޖެހިގެން. ބުނޭ! ބައްޕައަށް ވަރަށް ގިނަ ކަންތައް ކޮށްދެވޭނެ."

އަތީލާ ވެސް ހުރީ އަންޖަލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ބަތޫރު އާއި އަންޖަލްއާ ދެމެދު ހިނގި ހުރިހައި ކަމެއް އޮތީ ފަރުދާވެފައެވެ. އެންމެ ފަހު ވަގުތު ވެސް އަންޖަލްގެ ދޫ އުޒުރުވެރިވިއެވެ. ގޮތެއް ނިންމައިގެން އަންޖަލް އައި ނަމަ ޖަދުވާންއަކަށް އެ ކަން ސިއްރެއް ނުކުރެވުނީހެވެ.

"އަހަރެން ކައިވެންޏަށް ރުހިއްޖައިން." އިސްޖަހައިލަމުން އަންޖަލް ބުންޏެވެ.

ޖަދުވާން ވަގުތުން ތަން ހަމަހިމޭންވާން އެންގިއެވެ. ހީވީ އަންޖަލްގެ ކަންފަތުގައި މީހަކު އަތް އެޅިހެންނެވެ.

"އަދި އެއްފަހަރު ބުނޭ ދަރިފުޅާ!" ޖަދުވާން އެދުނެވެ. "ކީކޭ ތި ބުނީ؟ ކައިވެންޏަށް އެއްބަސްވީތަ؟"

އަންޖަލް ބޯޖަހައިލުމާ އެކު ޖަދުވާން ކޮށްލި ހަރަކާތަކުން މަތިން މާތައް އޮހިގަތެވެ. ހީވީ ބޯ ވިއްސާރަގަނޑެއް އޮއްސައިލިހެންނެވެ. މާތަކުގައި ވިދުމަކާއި މަޑުކަމަކާއި ފިނިކަމެއް ވެސް ހުއްޓެވެ. އެއީ ސިކުންތަކަށް ނުވަތަ މިނެޓަކަށް ދެމިގެންދިޔަ ކަމެއް ނޫނެވެ. މެދުނުކެނޑި ދެމިހުރި ކަމެކެވެ. ތަހުނިޔާއިން މުޅި ތަން ގުގުމަން ފެށިއެވެ. ކިޔާ އެއްޗެއް އަންޖަލްއަކަށް ނޭނގެއެވެ. އެނގެނީ އަޑުގައި އުފާވެރިކަމެއް ހުރި ކަމެވެ.

"ބަރުގާން ވަރަށް އުފާވާނެ،" ޖަދުވާން މަޑުމަޑުން އެހެން ބުނެލާފައި، އަޑުހަރުކޮށް ގޮވައިލިއެވެ. "ބަރުގާން!"
އަޑު މަޑުވި ވަގުތު، އަންޖަލްގެ ފުރަގަހުން ފިޔަގަނޑެއްގައި ވައި އަޅައިލި އަޑު އިވުނެވެ. އަންޖަލް ބަލައިލިއެވެ. (ނުނިމޭ)