ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި
ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި

ތ. ވިލުފުށީގެ ތަރައްގީއާ ގުޅޭ އިތުރު ޕްރޮޖެކްޓުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައި ބައެއް ޕްރޮކެޓްތަކުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި
ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި

އެ މަނިކުފާނު އެ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ވިލުފުށީގެ ރައްޔިތުންގެ އުންމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ އެ ރަށުގެ އެެއާޕޯޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފަ އެވެ. އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ހިންގުމާ ހަވާލުކުރީ އެމްއޭސީއެލްއާ އެވެ.

ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި
ވިލުފުއްޓަށް އިތުރު ވައުދުތަކާ އެކު، ބައެއް ޕްރޮޖެކްޓުތައް ފަށައިފި

ރައީސް ވިދާޅުވި ގޮތުގައި ވިލުފުށީ އެއާޕޯޓުގެ މަސައްކަތް މިއަދުން ފެށިގެން ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފަށާނެ އެވެ. އެ މަސައްކަތް އެ ތާރީހަށް ވުރެ ލަސް ނުވާނެ ކަމުގެ ކަށަވަރުކަން އެ މަނިކުފާނު ރޭ ވިލުފުށީގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ދެއްވި އެވެ.

"ވިއްޔާ ވާނީ އަވަސް،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން މިއަދު ވަނީ އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ޕްރޮޖެޓު ވެސް ފަށައިފަ އެވެ.

އެ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

- ވިލުފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ދިނުމުގެ މަސައްކަތް އާރުޑީސީއާ ރޭ ހަވާލުކުރި. އެ މަގު ހަދަނީ އެ ރަށުގެ ވަށައިގެން އޮންނަ ރިންގް ރޯޑު ހިމެނޭ ގޮތަށް.

- ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން އެމްޓީސީސީއާ ހަވާލުކުރި.

- ވިލުފުށީގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު އަންނަ އަހަރަށް. އެއީ މިހާރު އެ ރަށުން ގޯތި ލިބިފައިވާ ފަރާތްތައް ހިމެނޭ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ކަމަށް ރައީސް ވިދާޅުވި. އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ކައުންސިލްގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި.

- ފުޓުސަލް އާއި ހޭންޑްބޯލް ކުޅޭނެ ހާއްސަ ކޯޓެއް ހަދަން މި އަހަރު ފަށާނެ.

- ވިލުފުށީގައި އެމްއެންޔޫގެ ކެމްޕަސްއެއް އަންނަ އަހަރު ގާއިމް ކުރާނެ.

- ބީއެމްއެލްގެ ބްރާންޗެއްގެ ބިންގާ މިއަދު އެޅި. ރައީސް ވިދާޅުވީ އަންނަ އަހަރުގެ މާޗުގެ ކުރިން އެ ތަނުގެ މަސައްކަތް ނިންމައި ހިދުމަތް ފަށާނެ ކަމަށް.

- ޕަބްލިކް ވޯކްސް ޔުނިޓެއް ވިލުފުށީގައި ގާއިމް ކޮށްދޭނެ.

- ވިލުފުށީގެ ބަނދަރު ތަރައްގީ ކުރުން އަންނަ އަހަރު ފަށާނެ.

ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވާ މުއްދަތަކީ އެންމެ 18 މަސް ދުވަހެވެ. އެ ތަން ތަރައްގީކޮށް، އިތުރު ސްޕެޝަލިޓީތަކާއި އިމާރާތާއި ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

"ވަރަށް ފުރިހަމަ، ވަރަށް ޒަމާނީ ހޮސްޕިޓަލެއް ނިންމައި އަޅުގަނޑުމެން ތިޔަބޭފުޅުންނާ ހަވާލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ވިލުފުއްޓަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއްގެ ގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ދާއިމީ ޑޮކްޓަރެއް ހޯދަމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ރަށުގައި ހުރެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތެއް ހެދުމެވެ. އޭގެ ސަބަބުން ރައްޔިތުންގެ ޖީބުން ވަރަށް ބޮޑެތި ހަރަދުތަކެއް ސަލާމަތްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ، ޑިސެމްބަރު 26، 2004 ގެ ސުނާމީއާ ގުޅިގެން ވިލުފުށީގައި އިމާރާތް ކޮށްފައިވާ ގެތަކުގެ ކަރަންޓާއި ފެނުގެ ކަންކަން ނިންމަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެންމެ ލަސްވެގެން މި އަހަރު ނިމުމުގެ ކުރިން އެ ކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ. އޭގެ ތެރޭގައި އެ ގެތައް ލިބޭނެ މީހުން ކަނޑައެޅުމުން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.