24 ސެޕްޓެމްބަރ 2025 - 06:27

ތ. ވިލުފުށީގައި ހުންނަ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"މި ރަށުގެ ހުރި މިސްކިތް، އިސްލާމީ މަރުކަޒަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތް ތަނުގައި އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލު ކުރުމަކީ ވިލުފުށީ ރައްޔިތުން ރައީސް އަރިހުގައި އެދިފައިވާ ކަމެކެވެ.
އެއްހާސް މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގެ މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ޖުމްލަ 5،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އަޅާފައިވާ އެ މިސްކިތަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ވިލުފުށީގައި ބިނާކުރި މިސްކިތެކެވެ.
އެ މިސްކިތުގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް މިހާރު ހިންގަމުންދެ އެވެ. އަދި ގުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުން ވެސް ދެއެވެ.