23 ސެޕްޓެމްބަރ 2025 - 22:53

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މާލޭގައި މިއަދު ހިންގި އޮޕަރޭޝަނުން 500 އެއްހާ ތަން ފާސްކޮށް، 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ހަވީރު 4-6 އަށް ކުރިއަށް ގެންދިޔަ ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވަމުން ދިޔަ 10 ތަނެއްގެ މައުލޫމާތު ކަމާގުޅުން ހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ފުރަތަމަ ދުވަހު އެކަނި ވެސް 24 ބިދޭސީއަކު އަތުލައިގެންފައިވެ އެވެ.
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.
ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.