އދ.ގައި ޓްރަމްޕު ވިދާޅުވީ މޫސުމީ ބަދަލުގެ ވާހަކަ އަކީ ދުނިޔޭގެ އެންމެ ބޮޑު ހީލަތް ކަމަށް
އދ.ގައި ޓްރަމްޕު ވިދާޅުވީ މޫސުމީ ބަދަލުގެ ވާހަކަ އަކީ ދުނިޔޭގެ އެންމެ ބޮޑު ހީލަތް ކަމަށް

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން މޫސުމީ ބަދަލުތައް އައުމުގެ ވާހަކަ އަކީ މުޅި ދުނިޔޭގެ "ގްރޭޓެސްޓް ކޮން ޖޮބް" ކަމަށް ވިދާޅުވެ، ތިމާވެށީގެ ހިމާޔަތުގައި ދުނިޔެއިން ކުރާ މަސައްކަތަށް އދ.ގެ އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އދ.ގައި ޓްރަމްޕު ވިދާޅުވީ މޫސުމީ ބަދަލުގެ ވާހަކަ އަކީ ދުނިޔޭގެ އެންމެ ބޮޑު ހީލަތް ކަމަށް
އދ.ގައި ޓްރަމްޕު ވިދާޅުވީ މޫސުމީ ބަދަލުގެ ވާހަކަ އަކީ ދުނިޔޭގެ އެންމެ ބޮޑު ހީލަތް ކަމަށް

އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް ބޮޑެތި ބަދަލުތައް އައިސް ދުނިޔެއަށް ނުރައްކާތައް ކުރިމަތިވުމަކީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި އެއީ ހަގީގަތެއް ކަމަށް ސައިންސްވެރިން ގެންދަނީ ހެއްކާ އެކު ބުނަމުންނެވެ. އެހެންވެ އދ. އާއި އެކި ޖަމިއްޔާތަކުން ގެންދަނީ މޫސުމަށް ބަދަލު އައުމަށް ކުރިމަތިވާ ސަބަބުތަކާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ.

އދ.ގެ އާންމު މަޖިލީހުގައި ގަޑިއެއްހާއިރު ވަންދެން ދެއްކެވި ވާހަކާގައި ޓްރަމްޕު ވަނީ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް ޔޫރަޕްގެ އިއްތިހާދުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކުރައްވައިފަ އެވެ. ޓްރަމްޕު ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ޔޫރަޕްގެ އިގްތިސާދު ހީނަރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އިޔާދަކުރެވެނިވި ހަކަތައަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ގައުމުތަކުގެ އިގްތިސާދަށް ހީނަރުކަން އަންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު އޮޅުވާލުން،" ޓްރަމްޕު ވިދާޅުވި އެވެ. "އދ. އާއި އެކި ފަރާތްތަކުން މިކަމުގައި ލަފާކުރުންތައް ހަދާފައިވަނީ ގޯސް ސަބަބުތަކެއްގެ މައްޗަށް. އަދި އެ [ލަފާކުރުންތައް] ގޯސް."

"އެ ކަންކަން ކޮށްފައިވަނީ މޮޔައިން. އަދި އެ ކަންކަމުގެ ސަބަބުން އެ މީހުންގެ ގައުމުތަކުގެ ތަނަވަސްކަން ގެއްލި ކުރިއެރުން ވަނީ ހުއްޓިފައި."

ދުނިޔޭގެ ހޫނުމިން އިތުރު 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދިނުމަށް 195 ގައުމަކުން 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ވަނީ ދެ ވަނަ ފަހަރަށް ނިންމައިފަ އެވެ.

ނިއުކްލިއާ ހަކަތައިގެ އިތުރުން ތެލާއި ގޭހާއި ކޯލް އުފެއްދުމާއި އެކްސްޕޯޓް ކުރުމަށް އިސްކަންދޭ "އެނާޖީ ޑޮމިނެންސް" ސްޓްރެޓެޖީއެއް ޓްރަމްޕުގެ ސަރުކާރުން ވަނީ ތަންފީޒުކުރަން ފަށައިފަ އެވެ.

"ތެލާއި ގޭސް ފަދަ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ގައުމަކީ އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.

"ތެލާއި ގޭހުގެ ރިޒާވް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތް ވަރަށް އަހަރެމެންގެ އެބަހުރި. އަދި މިއަށް ކޯލް އިތުރުކޮށްފި ނަމަ އެއްވެސް ގައުމަކަށް ވުރެ އުޅޭނީ ކުރީގައި."

ޓްރަމްޕު މި ވާހަކަތައް ދެއްކެވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް އިސްވެ ހުންނަވައި އދ.ގެ މޫސުމީ ސަމިޓް ފެށުމުގެ އެއް ދުވަސް ކުރިންނެވެ. ގުޓަރޭޒް ގެންދަވަނީ ފޮސިލް ފިއުލްގެ ބަދަލުގައި ސާފު ހަކަތައަށް ބަދަލުވާން ހިތްވަރުދީ، އެކަމަށް ކުރާ މަސައްކަތް ފުޅާކުރުމަށެވެ.