23 ސެޕްޓެމްބަރ 2025 - 22:47

ތ. ވިލުފުށީގައި މާދަމާ އަމަލީ މަސައްކަތް ފަށާ އެއާޕޯޓުގެ މަސައްކަތް ފަށާ ގޮތަށް ދެ އަހަރާއި ހަ މަސް ތެރޭގައި އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު ތ. އަތޮޅުގެ ތިން ވަނަ ރަށަކަށް ވަޑައިގަތީ ވިލުފުއްޓަށެވެ.
އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.
މާދަމާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެކަން އިއުލާން ކުރައްވައި، ރައީސް ވިދާޅުވީ އެ އެއާޕޯޓުގައި 1،800 މީޓަރު ދިގު ރަންވޭއެއް އޮންނާނެ ކަމަށެވެ.
"ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ. އެ މަސައްކަތް ފަށާގޮތަށް އެއްކޮށް ނިންމައި 30 މަސް ދުވަސް އެއީ ދެ އަހަރާއި ބައި ތެރޭ ހުޅުވާނަން،" ތ. އަތޮޅު ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ވިލުފުށީގައި އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަ ކުރައްވައި، އެއާޕޯޓު ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެއާޕޯޓު މަސައްކަތާއެކު ވިލުފުށީގެ މީހުން އެންމެ ބޭނުންވާ ރަނގަޅު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަށް ބިންގާ ވެސް މާދަމާ އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަށު އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ވެސް ވައުދެކެވެ. އިބޫގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވެ، އިންތިހާބު ބޯމަތިވެފައި އޮއްވާ އިބޫ އެ ރަށަށް ވަޑައިގަތުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލްގެ މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، އެ ވައުދު ނުފުދޭތީ ރިބަން ކަނޑަން ވެސް އެރަށު ރައްޔިތުން ތައްޔާރުކުރި އެވެ.
ރިސޯޓް ހަދާނެ ރަށެއް ދޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް އޮގަސްޓު 2023 ގައި އޭރުގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.