ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރަނީ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރަން އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ މި ޖީލުގެ ދިވެހިންނާ އަންނަ އަހަރު ބައްދަލުވާނެ އެންމެ ހައިބަވަންތަ އަދި އެންމެ ތާރީހީ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިއްމު ދުވަސް ކަމަށެވެ.

އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ އަދި އާއްމުންގެ ގުޅުން ބަދަހިކުރަން އެތައް ހަރަކާތެއް ހިންގަން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމީ ހަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނެސްދިން އިލާހީ ނިއުމަތަކީ ހުރިހާ ދިވެހިން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ ދީނުގެ އުސޫލުތަކުގެ މައްޗަށް އަނބުރާލުން ކަމަށެވެ.

މީގެ 899 އަހަރުކުރިން ރާއްޖެ އިސްލާމްވީ ހާދިސާއިން ގިނަ އިބްރަތްތަކެއް ހާސިލުވާ ކަމަށާއި އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވެގެން މި ދަނީ ދިވެހިން 100 ޕަސެންޓު މުސްލިމުންގެ ގޮތުގައި ތިބެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު އެވެ،" ހިތޯބުގައިވެ އެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނުން އަހުލާގު ރަނގަޅު، ހެޔޮލަފާ އިންސާނުން ބިނާކޮށްދޭ ކަމަށެވެ. އަދި ކީރިތި ރަސޫލާ (ސ.އ.ވ) ވެސް ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ އިސްލާމީ އަގީދާ އާއި ރީތި އުޅުމާއި މުއާމަލާތު ދަސްކޮށްދިނުމުގައި ކަމަށާއި ރާއްޖޭގެ ކަންކަން ވެސް ހެޔޮމަގުން ހިންގުމަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް އުމްރާނީ ތަރައްގީ ގެންނަ ގޮތަށް، ހެޔޮލަފާ މީހުން ބިނާކުރުމެވެ.

އޭގެ އިތުރުން ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމާއި އެކަކު އަނެކަކާ ރީތި ބަހުން މުހާތަބު ކުރުމާއި ދީނަށް ލޯބިކުރާ އަދި އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަކީ ވެސް އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ މި ދެންނެވި ރީތި ސިފަތަކާ ވެސް އެކު އެވެ،" ހިތޯބުގައިވެ އެވެ.

"އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަމެވެ." ހިތާބުގައި ވިދާޅުވި އެވެ.