އީ-ވޭސްޓް ހެކަތޯން ބޭއްވުމަށް އެމްއެންޔޫއާއެކު ދިރާގުން ބައިވެރިވަނީ
އީ-ވޭސްޓް ހެކަތޯން ބޭއްވުމަށް އެމްއެންޔޫއާއެކު ދިރާގުން ބައިވެރިވަނީ

އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއާ އެކު ދިރާގުން ސޮއިކޮށްފި އެވެ.

އެ ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލު ކުރުމަށް ޒުވާނުން ހޭލުންތެރި ކުރުވުމެވެ. މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހެކަތޯންގައި ދަރިވަރުންނާއި އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާ ކުރެވޭނެ އެވެ. މި ހެކަތޯން އަމާޒުކޮށްފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށެވެ.

އީ-ވޭސްޓްއަކީ އުކާލެވޭ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި ފޯނާއި ޓީވީ އާއި ފްރިޖާއި ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެ އެވެ. އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ. އަދި އީ-ވޭސްޓް ހެކަތޯންގެ މަގްސަދަކީ އެ މައްސަލައަށް ހާއްސަ ސަމާލު ކަމެއް ދީ، ޒުވާނުން އެ މައްސަލައަށް އާ އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރު އެޅުމެވެ.

"އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިން ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށް ގެންދާ އެ ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެ ގޮތްގޮތާއި ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާ މެދު މަޝްވަރާ ކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލު ކުރެވޭނެ އެވެ. އަދި އެ މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެ އެވެ. އަދި އެ ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.